ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ: ރައީސް

ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސެންޓަރާއެކު ކެންސަރު ބަލި ދެނެގަނެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.

ސިއްޙީ ދާއިރާއިން ސަރުކާރުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންކަން ޢިއުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރުގެ މެދުތެރޭގައި ކެންސަރު ބައްޔަށް ޚާއްސަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި މިސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިވަގުތު ކެންސަރުގައި ރާއްޖޭގައި ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާ އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"ކެންސަރު ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރެއް ޤާއިމުކުރުން ހިމެނޭހެން ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައިވާކަމަށް ސަރުކާރުންވަނީ މީގެކުރިން ވިދާޅުވެފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ގެނެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ރައީސް ވިދާޅުވީ، މިއަހަރު މާލެ ސަރަޙައްދުގައި ސިއްޙީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ހިމެނޭކަމަށެވެ.

މީގެ އިތުރުން، ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރުގެ މެދު ތެރޭގައި ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން