ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތަށް ބެލުމަށްފަހު ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދޭން ހުށަހަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތަށް ބެލުމަށްފަހު ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދޭން ހުށަހަޅަނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތަށް ބެލުމަށްފަހު، އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ތަޢުލީމީ ދާއިރާއިން އުމްރާނީ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދަރިވަރުންގެ ނުކުޅެދުންތެރިކަން ހުންނަ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބަލާ ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ހޯމް ސްކޫލިންގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމަށް ޚާއްސަ ކްލާސްރޫމްތަކާއި، އެކުދިންގެ ޙާލަތަށް ރިޔާއަތްކޮށް ޕްރައިވަސީ ލިއްބައިދޭނެ ގޮތަށް ޚާއްސަ ފާޚަނާތަކާއި އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް ޤާއިމްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެއިތުރުން، އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތައް ނެތް ހުރިހާ ސްކޫލްތަކެއްގައި މިއަހަރުގެ ތެރޭގައި އެ ވަޞީލަތްތައް ފުރިހަމަކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މާއްދާތަކުގެ ފޮތްތައް ތަރައްޤީކުރުމާއި، އެކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ޚާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒް ކުރަން މިއަހަރު ފެށުމެވެ. މިއީ އެފަދަ ކުދިންނަށް ތަޢުލީމީ ދާއިރާއިން ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން