އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އަލަށް ދޫކުރާ ގޯތިތަކަށް ކުރިމަތިލެވޭނެ ޚާއްސަ ކެޓަގަރީއެއް ކަނޑައަޅައި، އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ކުރިން މި މަޝްރޫޢުގައި ހިމެނެނީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ އިތުރުން ވަކިވަކި ދާއިރާތަކަށް ޚާއްސަ ކެޓަގަރީތަކެކެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ފުޅާކުރުމުގެ ގޮތުން އިތުރު ދެ ކެޓަގަރީއެއް އިތުރުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި އަލަށް އިތުރުކުރާ ފުރަތަމަ ކެޓަގަރީއަކީ ކައިވެނީގެ ބައިވެރިޔާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭނެ ކެޓަގަރީއެކެވެ. ދެވަނަ ކެޓަގަރީއަކީ ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެކެވެ.
"އަނބި ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭގޮތަށް ވަރަށް އަވަހަށް ހުޅުވާލާނަން. އަދި މިހާރު ޖޮއިންޓްކޮށް ލިބުނު މީހުން އެއްކޮށް ގޯތި ދޫކޮށްލާނަމަ، ކުރިމަތިލިބޭނެ ކެޓަގަރީއެއްވެސް ކަނޑައަޅާނަން،" ރައީސް ވިދާޅުވިއެވެ.
މި ދެ ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކަށް 1000 ގޯތި ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މި ސިޔާސަތަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު އިޢުލާނުކުރި "ބޯހިޔާވަހިކަން އެންމެނަށް" މަޝްރޫޢުގެ ދަށުން ކުރިއަށްދާ ކަމެކެވެ. މި އާ ކެޓަގަރީތަކަށް ހުޅުވާލުމުން، ކުރިން ފުރުޞަތު ގެއްލިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަމަށް އެދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.