މާލޭގައި އީ-ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެކްޓިވިޓީސް ކޮމްޕްލެކްސްއެއްގެ މަސައްކަތް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އަލަށް ޤާއިމުކުރާ މި އާކޭޑަކީ ބޯލިން އެރީނާ ފަދަ އާކޭޑް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއެކު ތަރައްޤީކުރެވޭނެ ތަނެކެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ އިންޑޯ އެކްޓިވިޓީސް ކޮމްޕްލެކްސްއެއްވެސް މި މަޝްރޫޢުގެ ދަށުން މާލޭގައި ބިނާކުރެވޭނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "މާލޭގައި އީ-ސްޕޯޓްސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތާއި، އާކޭޑް ކުޅިވަރުތަކާއި ބޯލިން އެރީނާއަކާއި ކުޑަކުދިންގެ އިންޑޯ އެކްޓިވިޓީސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ހަމަ މިއަހަރު އޭޕްރިލްމަހުގެ ތެރޭގައި ފެށިގެންދާނެ" ކަމަށެވެ.
މިއީ ރާއްޖޭގައި ޒުވާނުންނާއި ކުޑަކުދިންގެ މުނިފޫހިފިލުވުމަށާއި، ޒަމާނީ ކުޅިވަރުތަކަށް ފުރުޞަތު ހުޅުވައިދިނުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. މި މަޝްރޫޢު ފެށުމާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނަށް ކުޅިވަރުގެ އައު ވަސީލަތްތަކެއް ލިބިގެންދާނެއެވެ.