އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނާއި މީޑިއާތަކާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، އަންނަ މަހުން ފެށިގެން އާންމު އުޞޫލެއްގެ މަތިން ކޮންމެ ހަފްތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ އެއް ގަޑިއިރަށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށެވެ.
ރައީސްގެ ބައްދަލުވުންތަކުގެ އިތުރުން، އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއްފަހަރު ކޮންމެވެސް އެއް ވަޒީރަކު ނޫސްވެރިންނާ އެއްގަޑިއިރަށް ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުވުންތަކުގެ ތާވަލު ރައީސް އޮފީހުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިންމެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ނުވަތަ އެނޫންވެސް ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދު މިކަން މިގޮތުގައި ކުރިއަށްގެންދިޔުމުގައި ދެމިހުންނާން."
މިއީ ސަރުކާރުގެ މަސައްކަތްތަކާއި ނިންމުންތަކާ ގުޅޭ މަޢުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެއެވެ.