ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑު ކޮންސެޕްޓުގައި ޤައިދީންނަށް ޚާއްޞަ ކޮށްގެން ރަށެއް ތަރައްޤީ ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑު ކޮންސެޕްޓުގައި ޤައިދީންނަށް ޚާއްޞަ ކޮށްގެން ރަށެއް ތަރައްޤީ ކުރަނީ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑު ކޮންސެޕްޓުގައި ޤައިދީންނަށް ޚާއްޞަ ކޮށްގެން ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އޯޕަން ޕްރިޒަން އައިލެންޑު ކޮންސެޕްޓުގައި މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި، އެރަށުގައި ޤައިދީންނަށް ދިރިއުޅެވި މަސައްކަތްތައް ކުރެވޭ ގޮތަށް ރިހެބިލިޓޭޝަނަށް އަމާޒު ކޮށްގެން ރަށެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ ޙަވާލުކޮށްފައެވެ.

މި ޖަލުގައި ޤާއިމްކުރަންޖެހޭ އުމްރާނީ މަސައްކަތްތައް މި އަހަރުގެ މެދު ތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް ޤައިދީން ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ޖަލުތަކުގެ ނިޒާމަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ރަށަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުދި މައްސަލަތަކުގައި ޖަލަށްލެވޭ، މިނިމަމް ސެކިއުރިޓީ ދޭންޖެހޭ ފަރާތްތަކެވެ. މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "މިޖަލުގައި ޤާއިމްކުރަންޖެހޭ އުމްރާނީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް އެތަނަށް ޤައިދިން ލުމަށް ވަނީ ޕްލޭންކޮށްފައި. މިރަށަށް ގެންދެވޭނީ، މިނިމަމް ސެކިއުރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ގައިދު ކުރެވޭ ފަރާތްތައް. މި ފަރާތްތަކަށް ދަނޑުވެރިކަމާއި އެފަދަ އެހެން މަސައްކަތްތައް ދަސްކޮށްދެވިގެންދާނެ" ކަމަށެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ޤައިދީން އަނބުރާ މުޖުތަމަޢަށް ނުކުންނައިރު، އެމީހުންނަކީ މަސައްކަތްތެރި، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ބަޔަކަށް ހެދުމެވެ. މިގޮތުން ދަނޑުވެރިކަމުގެ އިތުރުން އެހެނިހެން ހުނަރުތައް ދަސްކޮށްދިނުމަށް ވެސް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން