ލުއި ލޯނުގެ ދަށުން، މިހާތަނަށް 900 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ބޭންކަށް ވަނީ ފޮނުވާފަ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ލުއި ލޯނުގެ ދަށުން، މިހާތަނަށް 900 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ބޭންކަށް ވަނީ ފޮނުވާފަ: ރައީސް

އަމިއްލައަށް ގެދޮރު ބިނާކުރުމަށް ދަތިވާ ފަރާތްތަކަށް އަމާޒުކޮށް ސަރުކާރުން ދޫކުރަން ފަށާފައިވާ ލުއި ލޯނުގެ ދަށުން، މިހާތަނަށް 900 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ބޭންކަށް ފޮނުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ސްކީމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ސަރުކާރުން "ހިޔާވެހި ފައިނޭންސް ސްކީމް" ތަޢާރަފުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހުއެވެ. މި ސްކީމުގެ ދަށުން މާލެ ސަރަޙައްދާއި، އަރބަން ސެންޓަރުތަކުގެ އިތުރުން ރަށްވެހި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކީމުގައި 1 މިލިއަނުން ފެށިގެން 6 މިލިޔަނާ ދެމެދުގެ ފައިނޭންސް ފެސިލިޓީތައް ދޫކުރެއެވެ.

މި ލޯނުތަކަކީ އިސްލާމިކް ފައިނޭންސިންގ އުސޫލުތަކުގެ ދަށުން، އެންމެ %5 ގެ ޕްރޮފިޓް މަރޖިންއެއްގައި ދޫކުރާ ލުއި ލޯނުތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ގޮތުގައި، މި ފުރުޞަތަށް އެދި މިހާތަނަށް 2,256 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 821 މީހަކަށް ލޯނު ދޫކުރުމަށް ނިންމައި، އެ ފަރާތްތަކުގެ މައުލޫމާތު މިހާރު ވަނީ ބޭންކަށް ފޮނުވާފައެވެ.

ބޭންކަށް ފޮނުވާފައިވާ ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވާ ފައިސާގެ ޖުމުލަ އަދަދަކީ 989,617,640.17 (ނުވަސަތޭކަ އަށްޑިހަ ނުވަ މިލިއަން، ހަލައްކަ ސަތާރަހާސް، ހަސަތޭކަ ސާޅީސް ރުފިޔާ، ސަތާރަ ލާރި) އެވެ. މިއީ ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލު ކުރަމުންދާ ގިނަ އާއިލާތަކަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ހިޔާވަހި ލޯނު ސްކީމްގެ ދަށުން ކޮންމެ އަހަރަކު ބޯހިޔާވަހިކަމަށް 1 ބިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

މިއަދު އޮންލައިން