ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ތިލަފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޝްވާން އެވެ. އަދި ޗައިނާ ހާބަރ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މިސްޓަރ މާއޯ ބާއޯ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވިދާޅުވީ މިއީ ތާރީހީ ދުވަހެއް ކަމަށެވެ. "ރައީސް ވިދާޅުވި ފަދައިން މިއަދަކީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް،" ރިޝްވާން ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ވޭތުވެދިޔަ 40 އަހަރު ދުވަހު އެމްޕީއެލް އިން ދެކެމުން އައި އުންމީދެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއު ނިމުމުން މިހާރު އޮތް 5 ހެކްޓަރުގެ ޕޯޓު، 20 ހެކްޓަރަށް ބަދަލުވެގެންދާނެ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ. މިއީ ބަނދަރުގެ ޖާގަ އިތުރުވެ، މުދާ އުފުލުމާއި ބޭލުމުގެ މަސައްކަތްތައް ހަލުވިވެގެންދާނެ ކަމެކެވެ.

މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޒަމާނީ ވަސީލަތްތަކާއެކު އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކުގެ އިތުރުން ބޮންޑަޑް ވެއާހައުސްއެއްވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭނެއެވެ.

މިއަދު އޮންލައިން