ރޯދަ ހަދިޔާ ދޫކުރުން ހެންވޭރު ދަނޑަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރޯދަ ހަދިޔާ ދޫކުރުން ހެންވޭރު ދަނޑަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ބަހަމުންދާ ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތަކަށް ބަދަލެއް ގެނެސްފިއެވެ. މި ގެނައި ބަދަލާއެކު މީގެ ކުރިން ހެންވޭރު ދަނޑުގައި ޤާއިމްކޮށްފައިވާ މަރުކަޒުން ދޫކުރަމުންދިޔަ މަސްދަޅު ކޭސްތައް ދެން ދޫކުރާނީ ގަލޮޅު ދަނޑުންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބަދަލަށް އަމަލުކުރަން ފަށާނީ މިރެއިން ފެށިގެން ކަމަށެވެ. އެހެންކަމުން، މިރެއިން ފެށިގެން ހެންވޭރު ދަނޑުގެ ބަދަލުގައި ރޯދާ ހަދިޔާގެ މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމުތައް ކުރިއަށްދާނީ ގަލޮޅު ދަނޑުގައެވެ.

މި ބަދަލާ ގުޅިގެން ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރޯދަ ހަދިޔާ ހޯދުމަށް ހެންވޭރު ދަނޑަށް އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކުންވެސް، މިރެއިން ފެށިގެން ދެން ދާންޖެހޭނީ ގަލޮޅު ދަނޑަށެވެ. "އެޕޮއިންޓްމެންޓް ހައްދާފައިވާ ގަޑިތަކަށް ގަލޮޅު ދަނޑަށް ދިއުމުން ހަދިޔާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި،" ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުން ރޯދަ މަހަށް އަމާޒުކޮށްގެން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މި ތަކެތި ދޫކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ދަނީ ކުރިއަށެވެ. މި ބަދަލަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހަދިޔާ ފޯރުކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން