ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ކަމުގައި ބަލާނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ސަރަޙައްދު ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ވިދާޅުވެއްޖެއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައިނުގަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާތީ، ސިފައިންގެ ޒިންމާ އަދާކުރުމުގައި ބަލާނީ ޤާނޫނުގައިވާ ބަޔާންކުރާ ސަރަޙައްދު ކަމަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެވެ. ދިފާޢީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، 1976 ވަނަ އަހަރު އަވަށްޓެރި ޤައުމުތަކާއެކު ވެފައިވާ "ޑިޓަރމިނޭޝަން އޮފް ދަ ޓްރައި ޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ދިވެހި ސަރުކާރުން އެކުލަވާލާފައެއް ނުވެއެވެ.
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަތިވެރި މަސްއޫލިއްޔަތެކެވެ. އެހެންކަމުން، ރާއްޖޭގެ އުތުރުން ޑީލިމިޓް ކުރެވިފައިވާ ސަރަޙައްދު ފިޔަވައި، ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތަކުން 200 ނޯޓިކަލް މޭލުގެ ސަރަޙައްދެއް ލިބިގެންވާކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ސިފައިންގެ ޤާނޫނުގައިވާ ގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ދިފާޢުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ދިވެހި ސިފައިންގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. މި ޒިންމާ އަދާކުރުމުގައި ސިފައިން ދެމިތިބޭނީ ޤައުމީ މަސްލަހަތާއި ސިޔާދަތު ޙިމާޔަތްކުރުމުގެ މަތިވެރި އަޒުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވަނީ، ދޫކޮށްލި ކަމަށް ބުނާ ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ 200 ނޯޓިކަލް މޭލުގެ ސަރަޙައްދަކީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކަމަށް ނިންމަވައި، އެކަން ރަސްމީކޮށް އިޢުލާނުކުރައްވާފައެވެ.