ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުން ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުން ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުން ދަސްވެނިވި ކުދިންގެ ތެރެއިން ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބެޗުން އަސާސީ ތަމްރީނު ފުރިހަމަކުރި ކުދިންގެ ތެރެއިން ފަންނީ ތަމްރީނުތަކުގެ މަރުޙަލާއަށް ނުހޮވުނު ކުދިންނަށް، އެކުދިން ޝައުޤުވެރިކަން ފާޅުކުރި ވަޒީފާތައް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.

"މީގެ ތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މިއަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހު ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަނީ ފަށާފައި. ދަސްވެނިވި ކުދިންގެ ތެރެއިން މި ތަމްރީނުތަކަށް ނުހޮވޭ ކުދިން އެކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވާނީ ވަޒީފާ ހަމަޖައްސައިދީފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، ފުރަތަމަ ބެޗުން ދަސްވެނިވި 344 ކުދިންގެ ތެރެއިން ފަންނީ ތަމްރީނަށް ނުހޮވުނު 241 ކުދިންނަށް ސަރުކާރުން ވަނީ ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފައެވެ. އަދި އަމިއްލަ ސެކްޓަރުގައި މަސައްކަތްކުރަން ޝައުޤުވެރިކަން ފާޅުކުރި 38 ކުދިންނަށް އެ ފުރުސަތު ފަހިކޮށްދީ ޚިދުމަތުން ދޫކޮށްލާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގައި 350 ޒުވާނުން ބައިވެރިވެފައިވާއިރު، އެކުދިން ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ވަނީ ތަމްރީނަށް މާފިލާފުއްޓަށް ފުރާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ޖުމްލަ 1،000 ޒުވާނުންނަށް މި ހަރަކާތުގެ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިއަދު އޮންލައިން