ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން އިޢުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޓަރނޭޝަނަލް ޓްރިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާއި މޮރިޝަސްގެ ކަނޑު ސަރަހައްދާ ގުޅޭ މައްސަލަ ކުރިއަށްދަނިކޮށް، ކުރީ ސަރުކާރުން ކުއްލިގޮތަކަށް ނިންމި ނިންމުމުގެ ސަބަބުން ޤައުމަށް އެކި ގޮތްގޮތުން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މި މައްސަލަ ބެލުމަށްޓަކައި މިހާރު ވަނީ ޤައުމީ އިންކުއަރީއެއް ހިންގުމަށްވެސް ނިންމަވާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އެ ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ޚާއްޞަ ވިލަރެސް ކޮމިޓީއެއް ވަނީ އެކުލަވައިލާފައެވެ. އެ ކޮމިޓީގެ ރިޕޯޓަށް ރިއާޔަތްކޮށް، ޤާނޫނީ މާހިރުންގެ ލަފަޔާއެކު ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު (އީއީޒެޑް) އިން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، "22 އޮގަސްޓް 2022 ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރަން،" ކަމަށެވެ.
މީގެއިތުރުން، ކަނޑުގެ ސަރަހައްދުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ، ރާއްޖޭގެ އެސްއީޒެޑަކީ ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ނިންމަވާފައިވާކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.