ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ގަދަވެ ހުންނައިރު ވަޤުތު ނުދީފަ ޙާލުސީރިޔަސްވެ މަރުވަނީކަން އެނގުމުން ކިތަންމެ ދެރަވިޔަސް ކުރާނެ ފައިދާއެއް ނެތްކަން ތަޖުރިބާކުރި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ގަދަވެ ހުންނައިރު ވަޤުތު ނުދީފަ ޙާލުސީރިޔަސްވެ މަރުވަނީކަން އެނގުމުން ކިތަންމެ ދެރަވިޔަސް ކުރާނެ ފައިދާއެއް ނެތްކަން ތަޖުރިބާކުރި މީހެއްގެ ވާހަކަ-

ޢާއިލީ ދިރިއުޅުމަކަށް އެންމެ މުހިންމީ ކޮންކަމެއްތޯ؟ ސުވާލުކޮށްފިނަމަ 2 ކަމެއް ފާހަގަކުރާނެއެވެ. އެއީ ފުދިގެން ދިރިއުޅެވުމާއި ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުންތައް ބާއްވައިގެން އުޅުމެވެ. ގުޅުން އެގޮތަށް ބޭއްވޭނީ އެކުގައި ވަޤުތު ހޭދަކޮށްގެންނެވެ. ރެސްޓޯރަންޓަކަސް ނުދެވުނަސް ގޭގެ ކާމޭޒުދޮށުގައިވެސް އަދި ކައިނިމިގެންވެސް އިރުކޮޅަކު ވާހަކަދައްކާލަން ތިބެވިގެންނެވެ. އެކުގައި ނިދަން އޮށޯވެވިގެންނެވެ.  

ތިރީގައިވާ ލިޔުމަކީ ހަމަ ކޮންމެ ދެމަފިރިއަކުވެސް އިތުރަށް ވިސްނައިލުމުން ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ކުރަން ހުންނަ މަސައްކަތް ހުހެއް ނުވާނެއެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން މަސައްކަތްނުކޮށް ވާކަށްވެސް ނެތެވެ. އެންމެ އަގުހެޔޮ ފްލެޓަށް ކުލި ދެއްކުމުން މުސާރައިން ބާކީވާ ފައިސާކޮޅުން ކަރަންޓްބިލާއި ފެންބިލް ނުދެއްކޭ މީހުންވެސް މަދެއްނޫނެވެ. ވީމާ މިހިރީ ހައްތާވެސް މައްސަލަތަކެވެ.  

އެހެންކަމާއިއެކުވެސް އަނބިމީހާއަށް ވަޤުތުދޭންވެސް އެބަޖެހެއެވެ. މިކަމުގައި ޢަމަލުކުރަންޖެހޭނެ ގޮތެއް ނިންމަން ގިނަ ފިރިންނަށް ވަނީ އުނދަގޫކަމަކަށްވެފައެވެ. އެއްކޮޅުގައި ދިރިއުޅުމުގެ ޚަރަދުތަކެވެ. އަނެއްކޮޅުގައި ޒަވާޖީޙަޔާތެވެ. ދެކަންވެސް އެހައިމެ މުހިންމުވީމައެވެ.  

އެންމެ ބޮޑު މައްސލައަކަށްވަނީ މިބުނިވަރަށްވުރެ ރަނގަޅު ފެންވަރުގައި ދިރިއުޅެވޭ މީހުންނަށްވެސް އަނބިންނަށް ވަޤުތު ނުދެވޭކަމެވެ. އެކަން ޙައްލުކުރަން އެބަޖެހެއެވެ. އެހެންކަމުން މިގެނެސްދެނީ ވިސްނާލުން މުހިންމު ޙާދިސާއެއްގެ ވާހަކައެކެވެ.

"ޔާ ﷲ! އިނބަ ﷲ މިއަޅާއަށް ވިސްނުމާއި ކަންކަން ބަލައި ދެނެގަތުމާއި މިފަދަ ހުރިހާ ބާރުތަކެއްވެސް ދެއްވެވީމުއެވެ. މިއަޅާއަކީ އެހެން މީހުންގެ އިޙްޞާޞްތައް ދެނެގަތުމުގެ ކުޅަދާނަކަންވެސް ދެއްވަވާފައިވާ އިންސާނަކީމެވެ.  

ޔާ ﷲ! ނަމަވެސް މިއަޅާ މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. އެހެން އެންމެންގެ އިޙްޞާޞްތައް ދެނެގަންނަން އެނގުނުއިރުވެސް އަނބިމީހާގެ އިޙްޞާޞްތައް ދެނެގަންނާކަށް ނުއެނގުނެވެ. އޭނާ އާއިއެކު ތަންކޮޅެއް ގިނައިރު ވަގުތު ހޭދަކޮށްދިނުމަށާއި ލިބިފައިވާ 3 ދަރިންވެސް ގޮވައިގެން ކޮންމެވެސް ތަނަކަށް ދަތުރަކު ގޮސްދިނުން އެދި ކުރި އާދޭސްތަކުގެ އަޑު މިއަޅާއަށް މިވަނީ ނުއިވިފައެވެ.  

ޔާ ﷲ! ޙަޤީޤަތުގައިވެސް މިއަޅާ މިވަނީ ކުށްވެރިވެފައެވެ. ފޭލްވެފައެވެ. މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! މިއަޅާގެ އަނބިމީހާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވާނދޭވެ! އެކުގައި ދިރިއުޅުމުގެ ފުރުޞަތު އަދި އެއްފަހަރު ދެއްވަވާނދޭވެ! އަޅަމެންގެ ދަރިންނަށްޓަކައިވެސްމެއެވެ. މިއަޅާގެ އަނބިމީހާ ހިތުގައި ޖެހޭނެ ގޮތަކަށް ދެން އެއްވެސް ކަމެއް ނުކުރާނަމެވެ."  

އަނބިމީހާ އައިސީޔޫގައި ބޭއްވީންސުރެ ދިއައީ މިމޭރުމުން ދުޢާކުރަމުންނެވެ. ކުރެވުނުހައި ގިނައިންނެވެ.  

އަނބިމީހާ އަޅުގަނޑުގެ ކިބައިން އެދެމުން ދިއައީ އެންމެ ކަމަކަށެވެ. އެއީ އޭނާއާއި ހޭދަކުރާ ވަގުތު އިތުރުކޮށްދިނުމަށެވެ. ކޮންމެވެސް ތަނަކަށް ދަތުރުދިއުމަށެވެ. ބޭރަށް ކާލަން ނަމަވެސް ގޮސްލުމަށެވެ. 2، 3 ދުވަހަށް ނަމަވެސް އެކުގައި ރަށަށް ގޮސް ޢާއިލާ އާއި ބައްދަލުކޮށްލުމުގެ ފުރުޞަތަކަށެވެ.  

މިއިން އެއްވެސް ކަމެއް ކޮށެއް ނުދެވެއެވެ. ކޮށްދޭން ބޭނުންނުވާތީއެއް ނޫނެވެ.  މަސައްކަތްބުރަކަމުންނެވެ. ބަލިވުމުން ގޮވައިގެން ޑޮކްޓަރަށްވެސް ނުދެވެއެވެ. އެހެންވެ އޭނާގެ ބައްޔާއިބެހޭގޮތުންވެސް މާބޮޑު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.  

ކަންކަން އެނގުނީ މޭގައި ރިއްސާވަރުން ކެތްނުކުރެވިގެން ބުނުމުން ގެންދިއަ އެމްބިޔުލާންސްގައި އޭނާބަލައިދިއަ ޑޮކްޓަރު އޭނާގެ ޙާލަތާއި އޭނާގެ ފައިލްބަލާފައި ވަރަށް ސީރިއަސްކަމަށް ބުނުމުންނެވެ. ހޮސްޕިޓަލަށް ގެންދިއުމުން ވަގުތުން އެޑްމިޓްކުރީ އައިސީޔޫގައެވެ. އަނބިމީހާގެ ޙާލަތާއިބެހޭ ތަފްޞީލްތައް އެނގުނީ އެހިސާބުންނެވެ.  

އަނބިމީހާ އާއި ފުރަތަމަ ފަހަރަށް ބައްދަލުވެވުމުންވެސް އަޅުގަނޑަށް ކުރެވުނު ސުވާލަކީ މިހައިވަރުވީއިރުވެސް ނުބުނެ ތިއަހުރީ ކީއްވެގެން ހެއްޔެވެ؟ އަނބިމީހާ ދިނީ ތަރިބުރައިގެންދާންޖެހުނު ޖަވާބެކެވެ. "ވަގުތުކޮޅެއް ދިނުން އެދި އާދޭސްކުރެވުނީ ކިހައިވަރަކަށް ހެއްޔެވެ؟ އަހަރެންގެ ބައްޔަކީ އާދައިގެ ބައްޔެއް ނޫނެވެ. ޑޮކްޓަރުން ބުނެފައިވަނީ އަހަރެން ދެން ދުނިޔޭގައި ހުންނާނީ ކުޑަ ދުވަސްކޮޅަކު ކަމަށެވެ. ވީމާ މިއީ ަހަމ ހުރެފައި ކިޔައިދެވޭނެ ކަންކަން ހެއްޔެވެ؟"  

ކޮންމެއަކަސް ވީކަމެއް އެއޮތީވެފައެވެ. އަނބިމީހާ އާއިމެދު ވަނީ ވަރަށް ބޮޑަށް އިހްމާލްވެވިފައެވެ. އެދުވަސްތަކެއް ދެން އަނބުރައެއް ނުގެނެވޭނެއެވެ. އަޅުގަނޑު އެވަގުތުން ފެށިގެން ނިންމީ ހުރިހާ ކަމަކަށްވުރެ އަނބިމީހާ އާއި ދަރިފުޅުގެ ކަންކަން އިސްކުރުމަށެވެ.  

އަޅުގަނޑުކުރި ދުޢާ ޢިޖާބަ ކުރެއްވެވިއެވެ. އަނބިމީހާއަށް ޝިފާ ލިބުނެވެ. ހިތުގައި ހުރި ނުރައްކައުތެރިބަލި އެކުގައި ފިލައިގެންދިއައެވެ. އަދި ކުރިން ހުރިފަދަ ދުޅަހެޔޮ ޞިއްހަތެއްވެސް މިންވަރުކުރެއްވެވިއެވެ. އަޅުގަނޑު މިގެންދަނީ ދުޢާގައި އަޅުގަނޑުވީ ވަޢުދު ހިފަހައްޓަމުންނެވެ. މުޅި ޢުމުރަށްވެސް ހިފަހައްޓާނަމެވެ. އިން ޝާ ﷲ  

ޑރ. ޝާފިޢުއަށާއި ޑރ. ނިޔާފަށް އަދި އޭޑީކޭ ހޮސްޕޓަލުގެ ހުރިހާ ޑޮކްޓަރުންނަށާއި ނަރުހުންނަށް އަދި މުވައްޒިފުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އެއެންމެންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނީތީއެވެ. ހޯދަން އުނދަގޫވި ބޭސްތައްވެސް އެގޮތް މިގޮތުން ހޯދައިދިންކަން ޝުކުރުވެރިކަމާއިއެކު ފާހަގަކުރަމެވެ.  

އަޅުގަނޑަށް ކުރަންޖެހުނު މިހިތްދަތި ތަޖުރިބާއިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަޅުގަނޑުފަދައިން އަނބިންނަށް އިހްމާލްވާ ފިރިންނަށް ޢިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.

 

- ޢަލިދީދީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން