އަޅުގަނޑުގެ އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނެކެވެ. 2 ދަރިން ބަލަމުން އަޅުގަނޑަށްވެސް ކަންކަން ކޮށްދެނީ ވަރަށް ރަނގަޅަށެވެ. އެހައިމެ ކިޔަމަންތެރިއެވެ. އެކަމަކު އަޅުގަނޑުގެ ފަހަތުން ހިނގާ ޒުވާން ކުއްޖަކު ދެކެ ލޯބިވެވިއްޖެއެވެ. ކައިވެނި ނުކޮށް ހުންނަން އުނދަގުލެވެ. މިޙާލަތުގަ އަނބިމިހާއާއި ވަކިވެ އޭނާއާއި ކައިވެނިކުރުމަކީ ކުރެވޭ ކުށަކަށްވާނެތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަދި ތިއަ އުޅެނީ ލޯބީގެ ރަނގަޅު މާނަ ނުއެނގިގެންނެވެ. ދަސްކުރަން ބޭނުންވާނަމަ ތިރީގައިވާ ޙާދިސާ ވިދާޅުވެލައްވާށެވެ! ފައިދާކުރާނެއެވެ. އިން ޝާ ﷲ
ކައިވެންޏަށް 11 އަހަރެވެ. ދަރިފުޅަށް 9 އަހަރެވެ. ދިރިއުޅެމުން އައީ އުފާވެރިކަމުގައެވެ. ނަމަވެސް އޮފީސް މާޙައުލުން ބައްދަލުވި ޒުވާން އަންހެންކުއްޖަކު ދެކެ ލޯބިވެވުނެވެ. ކައިވެނިކުރަންވެސް ނިންމުނެވެ. އެކަން އަނބިމީހާއަށް ފަޅާއެރުމުން އަނބިމީހާ ވަރިވެސްކުރީމެވެ.
އަނބިމީހާ ރޮއިރޮއިހުއްޓައި ދަރިފުޅުވެސް ގޮވައިގެން ގެއިން ނުކުމެގެން ދިއައީމެވެ. ދަރިފުޅާއި އަޅުގަނޑު ބަދަލުވީ އަޅުގަނޑުގެ މައިންބަފައިންގެ ގާތަށެވެ. މައިންބަފައިން ރުޅި އަންނާނެތީ އެވަރުންވެސް ވަރިކުރި ކަމަކަށް ނުބުނަމެވެ.
އާދައިގެމަތިން އެރޭ ލޯބިވެރިޔާ އާއި ދެމީހުން ބައްދަލުވުމުން ބުނީމެވެ. "އަވަހަށް ކައިވެނިކުރަންވީއެވެ. އަނބިމީހާވެސް ވަރިކޮށްފީމެވެ. ދަރިފުޅުވެސް އަތުލީމެވެ. ކައިވެނިކޮށްގެން 3 މީހުން އެކުގައި އަވަހަށް ދިރިއުޅެން ފަށަންވީއެވެ."
އެހިސާބުން އޭނާގެ ވާހަކަ ބަދަލުވެއްޖެއެވެ. ދަރިފުޅު ބަލައިދޭން ކުރިން އެއްބަސްވިނަމަވެސް ވަގުތު ޖެހުމުން އެކަމަށް އެއްބަހެއް ނުވިއެވެ. ބުނީ ދަރިފުޅު ރަނގަޅަށް ބެލޭނީ އޭނާގެ މަންމައަށް ކަމަށާއި ދެމީހުންނަށް މިނިވަންކަމާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނީވެސް ދަރިފުޅު އޭނާގެ މަންމަ ގާތުގައި ބަހައްޓައިގެން ކަމަށެވެ.
އެކަމުގައި އުފެދުނު ޚިޔާލްތަފާތުވުން ޙައްލުނުވުމުން ދެމީހުން އެންމެފަހުން ވަކިވީއެވެ. އެއީ ކޮންމެ ގޮތެއްވީނަމަވެސް ދަރިފުޅާއިވަކިން ދިރިއުޅެން ބޭނުންނުވާތީއެވެ. މުޖުތަމަޢުގައި މައްސަލަތައް މިހައި ބޮޑަށް ޢާންމުވެފައި އޮތްއިރު މަންމައަށް އެކަނި ދަރިފުޅު ނުބެލޭނެތީއެވެ.
6 މަސްދުވަސްވަންދެން މަޑުކޮށްލައިގެން ހުރެ ވަރަށް ފުންކޮށް ވިސްނުމަށްފަހު އަލުން ކައިވެނިކުރުމުގެ ބޭނުމުގައި އަނބިމީހާ ގާތަށް ދިއުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އޭނާ އެހެން މީހަކާއި ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެނީއެވެ. އޭނާގެ ގާތުން ވަރިވެގެން އަޅުގަނޑާއި ކައވެނިކުރަން އެއްބަހެއް ނުވިއެވެ. އާދޭސްކޮށްކޮށްވެސް ނިންމުން ބަދަލެއް ނުކުރިއެވެ. އޭނާއަކީ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ މަންމައަކަށްވާތީ ދަރިފުޅު ބަލައިދޭން ހުރީ ތައްޔާރަށެވެ. އެންމެފަހުން އަޅުގަނޑަށް މަޖުބޫރުވީ ދަރިފުޅު އޭނާގެ ގާތުގައި ބަހައްޓައިގެން ބަލާށެވެ.
އަނބިމީހާ ވަރިކުރި ދުވަހު އަޅުގަނޑު ގެއިން ނުކުތީ އަނބިމީހާ ރޮއިރޮއި ހުއްޓައެވެ. އަލުން ކައިވެނިކުރަން ބޭނުންވެގެން ދިއަ ދުވަހު ގެއިން ނުކުންނަމުން ކަރުނައަޅަން ޖެހުނީ އަޅުގަނޑަށެވެ. އެކަންވެގެން ދިއައީ ލިބުނު ވަރަށް އަގުހުރި ފިލާވަޅަކަށެވެ.
އެއިގެ 2 އަހަރުފަހުން އަޅުގަނޑުވެސް ކައިވެނިކުރީމެވެ. ކައިވެނިކުރީ އަޅުގަނޑާއި އެއް އުމުރެއްގެ 3 ދަރިންގެ މަންމައަކާއިއެވެ. އޭނާހުރީ އަޅުގަނޑުގެ ދަރިފުޅުވެސް ބަލައިދޭން ތައްޔާރަށެވެ. ނަމަވެސް ދަރިފުޅު ދެން ދުވަހަކުވެސް މަންމަ އާއި ވަކިކުރަން ބޭނުންނުވާތީ މަންމަ ގާތުގައި ބެހެއްޓީއެވެ.
އަޅުގަނޑަށް ކުރިމަތިވި މިކަންކަމުން އަޅުގަނޑަށް ޙާޞިލުވި ޢިބްރަތަކީ ޢުމުރުން ޅަ ކުދިންނާއި ކައިވެނިކުރަން އުޅުމުން ލިބިދާނެ ބޮޑު ގެއްލުމެވެ. ޙަޤީޤަތުގައި އެއީ އެކަންވާނެވެސް ގޮތެވެ. އަމިއްލަ ދަރިއަކު ނުލިބެނީސް މަންމައަކަށްވާން ބޭނުންވާނީ ހާހަކުން އަންހެނެކެވެ. ކުށްވެރިއަކީ ހަމަ އަޅުގަނޑެވެ. ކުށް ކުރެވުނީ ހަމަ އަޅުގަނޑަށެވެ.
- ޢަބްދުﷲ ޝިފާން / މިއަދުނޫހުގެ ކިޔުންތެރިއެއް