މާވަށުގެ ބިމުގެ 8 ހެކްޓަރު ހިއްކާ ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މާވަށުގެ ބިމުގެ 8 ހެކްޓަރު ހިއްކާ ނިންމާލައިފި

ލ. މާވަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިހާތަނަށް އެ ރަށުގެ ފަޅުން 8 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މިއީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މާވަށު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އެމްޓީސީސީން ބުނިގޮތުގައި މަސައްކަތް ތާވަލާ އެއްގޮތަށް ބާރު މިނުގައި ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން ބޮޑު ސަރަޙައްދެއް މިހާރު ވަނީ ބިމުގެ ގޮތުގައި ފެންނަން ފަށާފައެވެ.

މި މަޝްރޫޢު ނިމިގެންދާއިރު، ހިއްކާ ސަރަޙައްދުގައި މާވަށުގެ ރައްޔިތުން މޫދަށް އެރިލާނެ ޚާއްޞަ ސަރަޙައްދެއް ނުވަތަ ޕިކްނިކް އޭރިއާއެއް ތަރައްޤީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރަށުގެ އިޖުތިމާޢީ ދިރުމަށާއި ރައްޔިތުންގެ މުނިފޫހިފިލުވުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

މާވަށަށް ބިން އިތުރުކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި މާވަށަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ.

މި މަޝްރޫޢު ނިމުމުން މާވަށުގެ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ގެދޮރުވެރިކަމާއި އިޤްތިޞާދީ އެކި މަސައްކަތްތަކަށް ބޭނުންވާ ޖާގަ ތަނަވަސްވެގެންދާނެއެވެ.

މިއަދު އޮންލައިން