އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ހެވީ މެޝިނަރީ ހޯދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ހެވީ މެޝިނަރީ ހޯދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ހެވީ މެޝިނަރީގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ރޯޑް ޑިވެލްޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޗައިނާގައި މިއަދު ސޮއިކުރި މި "ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް" ގާއިމުކުރީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސް.ސީ.އެމް.ޖީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާ ދެމެދުގައެވެ. މިއީ އާރްޑީސީ އާއި އައިޑީއެސްއާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ މުޢާމަލާތެކެވެ.

މި އެއްބަސްވުމުގެ ދަށުން، މަގު ހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި މެޝިނަރީތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒަކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް އެކްސް.ސީ.އެމް.ޖީ އާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގައި އައި.ޑީ.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އަދި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ. އެކްސް.ސީ.އެމް.ޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަޙައްދުގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޓޫ ހުއި އެވެ. މި ރަސްމިއްޔާތުގައި އެކްސް.ސީ.އެމް.ޖީގެ ގްލޯބަލް ބިސްނަސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޒައި ކުން އާއި އާރް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީހް އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އާރްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، އުމްރާނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ތާރީޚުގައި މެޝިނަރީ ހޯދުމަށް ކުރެވުނު އެންމެ ބޮޑު އެއް މުޢާމަލާތެވެ.

މިއަދު އޮންލައިން