ކުދި ވިޔަފާރިތަކުން ސަރުކާރަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަކެއްޗަށް ދައްކަންޖެހޭ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޒަމީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ އާމްދަނީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ލަސްވުމުގެ މައްސަލަ ކަމަށެވެ. މިކަމުގެ ސަބަބުން އެ ވިޔަފާރިތަކުގެ ހިންގުމަށް ބުރޫއަރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "ކޭޝްފްލޯއިން ޖާގަދިން އެންމެ ފުޅާމިނަކުން ސަރުކާރުގެ ބިލުތަކަށް ގަވައިދުން ފައިސާ ދައްކަމުން ދިއުން" އަކީ ސަރުކާރުގެ މަގްސަދެއް ކަމަށެވެ. އަދި މި އުސޫލުގެ ދަށުން ކުދި ވިޔަފާރިތަކަށް 15 ދުވަހުގެ ތެރޭގައި ޕޭމަންޓުތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މާލީގޮތުން ކުރިއެރުވުމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލުތަކަށް މިދިޔަ އަހަރުގެ ތެރޭގައި 6.3 ބިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، ބޭރުގެ ވިޔަފާރިތަކުން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ 1.5 ބިލިއަން ރުފިޔާގެ ބިލުތަކަށްވެސް ހަމައެކަނި މާލީ ވުޒާރާގެ ތެރެއިން ފައިސާ ދައްކާފައިވާނެ ކަމަށް ވަޒީރު ޒަމީރު މައުލޫމާތު ދެއްވިއެވެ. މިއީ ވިޔަފާރިތަކަށް އޮތް މާލީ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.