ކައިވެންޏަށްފަހު ފިރިމިހާގެ ދިރިއުޅުން ބަދަލުވެ އަންތބަކު އިންކަންވެސް ހަނދާން ނައްތައިލުމުން އެކަންކަން އިޞްލާޙްކުރޭތޯ އަނބިމީހާ ދިއައީ އާދޭސްކޮށް ސަލާން ޖަހަމުންނެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް އޭނާއަކަށް ނުއިވުނެވެ. ހިލޭ އަންހެނުންގެ ފަހަތުން ދުވުން ކުރީ އިތުރެވެ.
ފަސްއަހަރުފަހުން ކައިވެނި ރޫޅައިލުމުގެ ވާހަކަ އިސްވެ ދެއްކީވެސް ފިރިމީހާއެވެ. އެކަމަށް މަރުޙަބާ ކިޔައި އަނބިމީހާ ވަޤުތުން ގެއިން ނުކުމެގެން ދިއައެވެ. ފރިމީހާއަށް ކަންކަން ވިސްނެނެން ފެށީ އެހިސާބުންނެވެ.
3 މަސް ފަހުން ދީނީ ޢިލްމްވެރިއަކާއި ޤާނޫނީ ވަކީލެއް ގޮވައިގެން އަނބިމީހާގެ ގެއަށް ދިއުމުން ބުނީ އޭނާވީ އޮފީހުގައި ކަމަށެވެ. އޮފީހަށްގޮސް ބައްދަލުކުރަން އެދުމުން ބައްދަލުކުރަން ޖެހުނީ އޮފީހުގެ ވެރިމީހާއާއިއެވެ. ވެރިއަކީ އަނބިމީހާ ކަމަށްވުމުންނެވެ.
އަނބިމީހާ ބުންޏެވެ. "ކައިވެނިކުރީންސުރެ ދެމުންދިއަ އަނިޔާގައި 5 އަހަރު ކެތްކުރީމެވެ. ޢަމަލުތައް އިޞްލާޙްކުރުން އެދި ސަލާންޖަހައި އާދޭސްކުރީމެވެ. ކައިވެނި ރޫޅައިލަން ނިންމީވެސް ތިބާ އަމިއްލައަށެވެ. ވަރިވުމުގެ ކަންތަކުގައި ކޯޓަށް ނުދެވިގެން މިއުޅެނީ މަސައްކަތްބުރަކަމުންނެވެ. އެކަމަކު އެކަން އިއްޔެ ވާނީ ޤާނޫނީ ވަކީލުންނާއި ޙަވާލުކޮށްފައެވެ.
ފަސްއަހަރުވަންދެން ރޭގަނޑާއި ދުވާ އެކުގައިހެން އެކަނި ހޭދަކުރަންޖެހުމުން އަހުރެން ހަމައެކަނި ރޯން އިނީއެއް ނޫނެވެ. އަހުރެން މަސައްކަތްކުރަމުން އައީ އަހުރެންގެ އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ގޮތެއް ހޯދުމަށެވެ. އެއީ ވަރިކޮށް އެއްލައިލުމުން ސަލާންޖަހަން ހިނަގްނަ ޖެހޭނެ މީހަކަށް ނުވަތަ ޢަބުރު ވިއްކަން ޖެހޭނެ މީހަކަށް ނުވުމަށެވެ.
އަހުރެން ކުރި ަމސައްކަތުގައި ﷲ ބަރަކާތް ލެއްވެވިއެވެ. ތިއަ ފެންނަނީ އެކަމުގެ ނަތީޖާއެވެ. މިކަމުގައި އަހުރެންނަށް މީހަކު ދޭނެ އިތުރު ނަޞީހަތެއް ނެތެވެ. ބޭނުންވާ ޤާނޫނީ ލަފައެއްވެސް ނެތެވެ. އަހުރެންގެ އެޑްވައިޒަރަކީ ޝައިޚެކެވެ. ތިއަ ގެނައި ޝައިޚަށް ކިޔަވައިދިން އެދުރެކެވެ. ޤާނޫނީ ވަކީލަކު މިތަނުގައި މަސައްކަތް ކުރެއެވެ. ވީމާ 3 މީހުން އެކުގައި މިތަނުން އަވަހަށް ނުކުންނާށެވެ!"
ފިރިމިހާއަށް ލިބުނު ދެރައަކަށްވީ ވަރީގެ މައްސަލަ ނިމުނުއިރު 5 އަހަރުވަންދެން ދިން ނަފްސާނީ އަނިޔާއަށް ބަދަލެއްގެ ގޮތުން ގިނަ ޢަދަދެއްގެ ފައިސާ އަނބިމީހާއަށް ދޭންޖެހުމެވެ. އެހިސާބުން ލޯބިވެރިންތައް ގެއްލި އެކަނިވެރިވާންޖެހުނު ކަމެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނދަށް ވިސްނޭގޮތުން އަނިޔާވެރިވާ މީހުންގެ އަތުން މިފަދަ ބަދަލެއް އަނިޔާލިބޭ މީހާއަށް ލިބެން އެބަޖެހެއެވެ. އެއީ ދެމަފިރިންކުރެ ކޮންމެ މީހަކު ކަމަށްވީނަމަވެސްމެއެވެ. އެފަދަ ގޮތެއް ހަމަޖެހިއްޖެނަމަ ލިބިދާނެ ދެރައަށް ވިސްނާނެ ބައަކުވެސް އުޅޭނެތީއެވެ.
- ނަދޫ / މިއަދުނޫހުގެ ކިޔުންތެރިއެއް