އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، އޭޕްރީލް މަހުގެ ނިޔަލަށް މަސައްކަތުގެ 90 އިންސައްތަ ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ފުންކުރުމާއި، ބިން ހިއްކުމުގެ އިތުރުން އެއްގަމުތޮށިލުމުގެ މުހިންމު މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ އިތުރުން 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސައިޓް މެނޭޖަރ ޖަވާދު އަލީ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ޕޭމަންޓް އެޅުމާއި ރޭމްޕް އެޅުމުގެ މަސައްކަތް ކަމަށެވެ. "ޕޭމަންޓު އެޅުމުގެ މަސައްކަތް. ޕޭމަންޓާއެއްކޮށް ރޭމްޕު އެޅުން ކުރިއަށް ދަނީ. 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އުންމީދަކީ ދެމަސް ތިންމަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުން،" ޖަވާދު ވިދާޅުވިއެވެ.
ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މުހިންމު މަރުކަޒެކެވެ. މި ބަނދަރު ތަރައްޤީކުރުމުން މަސްވެރިންނަށް މަސް ކިރުވުމުގައާއި ބަނދަރު ބޭނުންކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢަކީ 2019 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މަސައްކަތުގެ މިހާރުގެ ދުވެއްޔަށް ބަލާއިރު، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ބަނދަރުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.