15 އަތޮޅެއްގައި ޤާއިމްކުރާ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 500 އެއްހާ މުވައްޒަފުން ނަގާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
15 އަތޮޅެއްގައި ޤާއިމްކުރާ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 500 އެއްހާ މުވައްޒަފުން ނަގާނެ: ވަޒީރު

ރާއްޖޭގެ 15 އަތޮޅެއްގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 500 އެއްހާ މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، މި ޔުނިޓްތަކަށް ބޭނުންވާ އުޅަނދުތައް ކުރިއަށް އޮތް އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. އަދި އަލަށް ނަގާ 500 އެއްހާ މުވައްޒަފުންގެ ތެރޭގައި ޑްރައިވަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ފަންނީ މަސައްކަތްތެރިން ހިމެނޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ޔުނިޓްތަކަށް ގެންނަ އުޅަނދުތައް ދުއްވާނެ ޑްރައިވަރުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް އެ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްދާނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރެވޭ ޢުމްރާނީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބަލަހައްޓައި މަރާމާތު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ޕަބްލިކް ވޯކްސް ޔުނިޓްތައް ނެތް 15 އަތޮޅެއްގެ 19 ރަށެއްގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި މި ޔުނިޓްތައް ޤާއިމްކުރެވޭނެއެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތަކަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ، ރަށްރަށުގައި މުނިސިޕަލް އެކި ޚިދުމަތްތައް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޔުނިޓްތަކެކެވެ. މި އާ ޔުނިޓްތަކާއެކު އަތޮޅުތެރޭގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި މަރާމާތުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން