ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާނެ އެކި އެކި ސާމާނު ރީޖަނަލް އިމަރޖެންސީ ސެންޓަރުތަކުގެ ގުދަންތަކުގައި ރައްކާކޮށްފައި ބެހެއްޓޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާނެ އެކި އެކި ސާމާނު ރީޖަނަލް އިމަރޖެންސީ ސެންޓަރުތަކުގެ ގުދަންތަކުގައި ރައްކާކޮށްފައި ބެހެއްޓޭނެ!

ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާނެ އެކި އެކި ސާމާނު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރާ ރީޖަނަލް އިމަރޖެންސީ ސެންޓަރުތަކުގެ ގުދަންތަކުގައި ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، މި ސެންޓަރުތަކުގައި ކުއްލި ހާލަތްތަކުގައި ބޭނުންވާނެ މުހިއްމު ސާމާނުތައް އަބަދުވެސް ތައްޔާރީ ހާލަތުގައި ހުންނާނެ ކަމަށެވެ. މީގެ ތެރޭގައި ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ ސާމާނާއި، ރައްކާތެރިވުމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން، ކާރިސާތަކަށް އިޖާބަދޭ މުއައްސަސާތަކަށް ބޭނުންވާނެ ސާމާނުވެސް ހިމެނެއެވެ.

ހިސާން ވިދާޅުވީ ކާރިސީ ނޫން އާދައިގެ ހާލަތްތަކުގައި މި ސެންޓަރުތައް ބޭނުންކުރާނީ މުޖުތަމަޢުގެ ތައްޔާރީ ހާލަތު ވަރުގަދަކުރުމަށެވެ. އެގޮތުން ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް މި ސެންޓަރުތަކުގައި ކުރިއަށް ގެންދާނެއެވެ. މި ސެންޓަރުތައް ތަރައްޤީކުރަނީ ގިނަ ބޭނުންތަކަކަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށެވެ.

މި މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ ކާރިސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމެވެ. "ބައެއްފަހަރު ވައިގެ މަގުންނާއި ކަނޑުމަގުންވެސް ތަކެތި ފޮނުވުމަށް އުނދަގޫތަކެއް ކުރިމަތިވޭ އެބަ. ވަގުތުވެސް ނަގާ. އެހީ ބޭނުންވާ މީހުންނަށް މީގެ ސަބަބުން ދަތި އުނދަގޫތަކެއް ކުރިމަތިވޭ. އެ އަވަސް ކުރުމަކީ އެންމެ މުހިއްމު ކަންތައް،" ހިސާން ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ ދެ ސަރަޙައްދެއްގައި މިފަދަ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ އާއި ލ. އަތޮޅުގައެވެ. މި ސެންޓަރުތައް ނިމުމުން، އެ ސަރަޙައްދުތަކުގައި ދިމާވާ ކާރިސާތަކަށް މާލެއަށް ބަރޯސާނުވެ އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

މިއަދު އޮންލައިން