މައިދައިތަ، ދަރިފުޅުގެ ކައިވެނި ރޫޅާލުވަން ހެދި ސިޙުރު މައިދައަށް ޖެހިގެން ވީގޮތާ ދަރިފުޅުގެ ކައިވެނި ސަލާމަތްވި ސަބަބުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
މައިދައިތަ، ދަރިފުޅުގެ ކައިވެނި ރޫޅާލުވަން ހެދި ސިޙުރު މައިދައަށް ޖެހިގެން ވީގޮތާ ދަރިފުޅުގެ ކައިވެނި ސަލާމަތްވި ސަބަބުގެ ވާހަކަ-

ކައިވެނިކޮށްގެން އުލެންޖެހުނީ ފިރިމީހާގެ ގޭގައެވެ. މައިދައިތަ އަޅުގަނޑާި ވަރަށް ދެކޮޅެވެ. ބޭނުންވަނީ ވަރިކުރުވައި އޭނާގެ އެކުވެރިއެއްގެ ދަރިއަކާއި ކައިވެނިކުރުވާށެވެ. ފައުޅުގައި އެވާހަަކ ބުނަން ނުކެރެނީ ފިރިމީހާގެ ހަރުދަނާކަން އެނގޭތީއެވެ.  

ކޮންމެ ދުވަހަކުވެސް އަޅުގަނޑު ބައްދަން ކޮންމެވެސް ދަންތުރައެއް ޖަހަން މަސައްކަތްކުރެއެވެ. ނަމަވެސް އަޅުގަނޑު ކުރާ ދުޢާއާއި އެކަމަސް ހޭލުންތެރިވެގެން ހުންނާތީ ނުބެދި ސަލާމަތްވެވެއެވެ. އެހެންވެ ކެތް ނުކުރެވިގެން ސިޙުރުގެ ކުޅިގަނޑު ކުޅެން ފެށިއެވެ. އެކަން އެނގުމުން ރައްކައުތެރިވެ ހުންނަން ކުރަންޖެހޭ ކަންކަން ކުރުން އިތުރުކުރީމެވެ. ކޮންމެ ރެއަކުވެސް ހޭލައި ބަޤަރާސޫރަތް ކިޔަވަމެވެ. ގިނަވެގެން 3 ރެއިން ނިންމަމެވެ.  

އެއްދުވަހެއްގެ ހަވީރެވެ. ސައިބޯން އިށީންތަނާ މައިދައިތަ އައިސް އިށީނދެފައި ބުނީ ވަަރސް މީރު ބޯކިބާ ހުންނާނެ ކަމަށެވެ. އެެހން ބުނެފައި އެއްޗަކުން ދެފޮތި ނަގައި ދެތަށްޓަށް ލައިގެން ގެނެސް އެއް ތަށި އަޅުގަނޑުގެ ގާތުގައި ބެހެއްޓިއެވެ.  

ނަޞީބަކުން އެވަޤުތު ބަފައިބެ ގޮވާލުމުން ތެދުވެގެން ހިނގައްޖެއެވެ. އަވަސް އަވަހަށް ތަށި ބަދަލުކޮށްލީމެވެ. އެއްފޮތި ގެންގޮސް ކުނިކޮތަޅަށްލީމެވެ. އެގޮތަށް ކަންތައް ކުރުމުން މައިދައިތަ ކެއީ އަޅުގަނޑަށް ކާންޑޭން އުޅުނު ފޮތްޗެވެ.  

ޢިޝާނަމާދުން ފޭބިތަނާ މައިދައިތަ ބަފައިބެއާ ޒުވާބުކުރަން ފަށައިފިއެވެ. ރުޅި އައިސްގެން ހުތުރު އެއްޗެތި ގޮވަން ފަށައިފިއެވެ. ގޭގައި ދަރިން އުޅޭކަމަކަށްވެސް ނުބަލައެވެ. ވެގެން އުޅޭ ގޮތް ވިސްނެނީ އަޅުގަނޑަށް އެކަންޏެވެ. އެކަމަކު އެނގޭ ކަމަކަށް ނުހަދަމެވެ. ކެތްނުކުރެވިގެން އެންމެ ފަހުން ބަފައިބެ ގެއިން ނުކުމެގެން ދިއައީއެވެ.  

އެހިސާބުން ފިރިމީހާގެ ގާތުގައި ބުނީމެވެ. "މަންމައަށް އެއުޅެނީ ކޮންމެވެސް ކަމެއް ވެގެންނެވެ. މިރޭ އެއުޅެނީ ދުވަހަކުވެސް އުޅޭ ގޮތަކަށް ނޫނެވެ. ނިކަން ރުޤްޔާކުރާ މީހަކު ގެނެސް ކިޔަވަބަލާށެވެ!"  

އެހެން ބުނުމުން އެހެން ކުދިންނާއިވެސް މަޝްވަރާކޮށްފައި ރުޤްޔާކުރާ މީހަކު ގެނެސްގެން ކިޔެވުމުން މަންމައަސް އުނދަގޫތަކެއްވެފައި ހޭނެތުނެވެ. އެގޮތަށް އޮވެ ދެއްކި ވާހަކަތަކުން ކަންތައް ވެގެން އުޅޭގޮތް އެނގުނެވެ. ދެމަފިރިން ދުރުކުރުވަން ހަދާފައި ހުރި ސިޙުރެއް ކެވުނީކަން އެނގުނެވެ. މައްސަލަ ޙައްލުވީ 14 ދުވަސްވަންދެން ކުރި މަސައްކަތުންނެވެ.  

ހުރިހާ ކަމެއް ނިމުމުން އެދުވަހު ހަވީރު މަންމަ ކަންތައްކުރި ގޮތާއި އަޅުގަނޑު ކަންތައް ކުރި ގޮތް ކިޔައިދިނީމެވެ. އަދި އެގޭގައި ދިރިއުޅެން ބިރުގަންނަކަމަށް ބުނުމުން ފިރިމީހާ އެކަން ޤަބޫލުކޮށް އަޅުގަނޑުމެންގެ ގެއަށް ދިރިއުޅުން ބަދަލުކުރީއެވެ.

ނިކަން ބުނެބަލާށެވެ! މައިދައިތައަކީވެސް ނަމާދުކުރާ އަންހެނެކެވެ. އެކަމަކު ސިޙުރު ހައްދުވަން ބިރެއް ނުގަތެވެ. އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލަން ފަހެއް ނުޖެހުނެވެ. އެހެންކަމަށްވާއިރު ހިތުގައި އޮތީ ކޮން އީމާންކަމެއް ހެއްޔެވެ؟  

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކުރުމުގެ ބޭނުމަކީ ޛިކުރުތައް ކިޔައި ރައްކައުތެރިވެގެން ތިބުމަށް ނަޞީޙަތްތެރިވުމެވެ. ކަމެއް ކުރިމަތިވާނީ ކޮންއިރަކު ކޮން ގޮތަކަށް ކަމެއް ނުއެނގޭނެއެވެ. ކޮންމެވެސް ކޮންމެވެސް ބަޤަރާސޫރަތް ކިޔެވުން ހުއްތައިނުލާށެވެ!

 

- ނާޞިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން