ފިރިމީހާ ނިޔާވީ ދަރިފުޅަށް 6 އަހަރުގައެވެ. އެދުވަހުން ފެށިގެން ދަރިފުޅަށް ހުރިހާ ކަމެއް ކޮށްދީ ގެންގުޅެ ބޮޑުކުރީ މަންމައެވެ. އެކަނިވެރި މައެއްގެ ގޮތުގައި އިނދެ އަމިއްލަ މަސައްކަތުންނެވެ. ބޮޑުވެ ތަޝައްރަފް ފުދި ކައިވެނިކުރުމަށްފަހު މައިމީހާއަށް އޮޅުވާލުމެއްގެ ތެރެއިން ގެންގޮސް މުސްކުޅިން ބަލަހައްޓައިދޭ ގެއަކަށް ދޫކޮށްލަމުން ބުނީ އެކަންކުރަންޖެހުނީ އަނބިމިހާގެ އެދުމަށް ކަމަށެވެ. ދެމަފިރިންނަށް އެކުގައި އުޅެވޭނެ އެހެން ގޮތެއް ނެތިގެން ކަމަށެވެ.
ރޮމުން މަންމަ ސުވާލުކުރީ މަންމަގެ ކުށަކީ ކޮބައިތޯއެވެ؟ ކުށެއް ކުރެވުނުނަމަ ނުބުނީ ކީއްވެގެންތޯއެވެ؟ އެކަނި އިނދެ ބުރަ އުފުލައިގެން ކޮށްދިން ޚިދުމަތުގެ އަގަކީ ނުދަންނަ ބައެއްގެ ތެރެއަށް ދޫކޮށްލައި ނިކަމެތިކޮށްލުން ހެއްޔެވެ؟
މިވާހަކަތައް އަޑުއަހަންހުރި މީހަކު ބުނީ މަންމަ އެކަނި ނުވެއްދޭނެ ކަމަށާއި ދަރިފުޅުވެސް އޮފީހަށް ދާންޖެހޭނެ ކަމަށެވެ. ފޮތުގައި ސޮއިކުރަންވެސް ޖެހޭނެ ކަމަށެވެ. އެހިސާބުން ދަރިފުޅަށް ޖެހުނީ ހިތާއި ދެކޮޅަށްވެސް އެތެރެއަށް ވަންނާށެވެ.
އޮފީހުގެ ގޮނޑިއެއްގައި ބައިންދާފައި ބުންޏެވެ. "ރަނގަޅަށް ވިސްނާށެވެ! މަންމަ ދެންމެ އެދެއްކި ވާހަކައިން އެނގެނީ މަންމަ މިތަނަށް ތިއަ ގެނައީ މަންމަގެ އެއްވެސް ކުށެއް އޮވެގެން ނޫންކަމެވެ. ހަމައެކަނި އަނބިމީހާ ބޭނުންވާތީ ކަމެވެ. އެކަންވެސް ބާއްވާށެވެ! މަންމަ މިތަނަށް ދޫކޮށްލާފައި އުޅެން ތިއަދަނީ ކަލޭގެ އަމިއްލަ ގެއަކަށް ހެއްޔެވެ؟"
ޖަވާބުނުދިނުމުން ބުންޏެވެ. "މަންމަގެ ގެއިން މަންމަ ނެރެލުމުގެ ބާރު ނޫނީ ހުއްދަ ދިނީ ކާކުހެއްޔެވެ؟ ކަލެއަކީ މަންމައަށް ހެޔޮކޮށް ހިތައިގެން ސުވަރުގެ ވަންނަން ބޭނުންނުވާ ކުއްޖަކަށްވެދާނެއެވެ. އެހެން ވިއްޔާ އެކަން ކުރާނެ ކަމެއް ނެތެވެ. މިބާވަތުގެ މައްސަލަތަކުގައި އަހުރެން ކަންތައް ކުރާ ގޮތަކީ ފުލުހުންގެ އެހީތެރިކަން ހޯދުމެވެ. އެއިރުން މަންމައަށް ގޭގައި އިނދެވޭނެއެވެ. މިހިސާބުން އަހުރެން މަންމައާއި ޙަވާލުވީއެވެ. މަންމަ ގޮވައިގެން މިދަނީ ތިއަ ގެއަށެވެ. މިތަނުގައި ނިކަމެތި ޙާލުގައި ތިބި އަންހެނުންގެ ތެރެއިން އަންހެނަކުވެސް ގެންދާނަމެވެ. އެއީ މަންމަ ބަލަން އިންނާށެވެ. ގޭގެ ޚަރަދުތައް ބަލަހައްޓާނީ މިތަނުންނެވެ. އެކަމަށް މީހުން ހަދިޔާކޮށްފައި ހުރި ފައިސާއިންނެވެ."
އެހެން ބުނެފައި މަންމަ އާއި އިތުރު އަންހެނަކު ތަނުގެ ވެހިކަލެއްގައި ގެންދިއައީ ގެއަށެވެ. ފަހަތުން ކާރުގައި ދަރިފުޅުވެސް ދިއައެވެ. ގެއަށް ދެ އަންހެނުން ބޭލުމަށްފަހު ދަރިފުޅަށް ބުންޏެވެ. "އަދިވެސް އަހުރެން ނަޞީޙަތްތެރިވަމެވެ. މަންމަ ނިކަމެތި ނުކުރާށެވެ. މަންމަގެ ކިބައިން މާފަށް އެދޭށެވެ. މަންމަ ގޮވައިގެން އުޅެން ނުރުހޭނަމަ ތިއަ އަނބިމީހާއަކީ ކޮއްކޮ ދެކެ ލޯބިވާ އަންހެނެއް ނޫނެވެ. އަންހެނުންތައް ބައިވަރެވެ. އޭނާ ދޫކޮށްލާފައި މަންމަ ދެކެ ލޯބިވާ މީހަކާއި ކައިވެނިކުޜާށެވެ!
ކުށެއް އޮތަސް ނެތަސް މައިމިހާ ނިކަމެތިކޮށްލަން ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ. އަދި ތިބާގެ މަންމައަކީ އެއްވެސް ކުށެއް އޮތް މަންމައެއް ނޫނެވެ. އަދި އެކަނިމާއެކަނި ތިއަދަރިފުޅު ގެންގުޅެ ބޮޑުކުރި މަންމައެވެ. އެފަދަ މަންމައަކަށް ތިއަހެން ހަދަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަމްރަތުގައި ތިއަކުއްޖާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟
ކޮއްކޯއެވެ! މަންމަގެ ޙާލު އަހުރެން ބަލާނަމެވެ. މަންމަގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ކޮށްފިނަމަ ފުލުހުންނަށް އަންގާނަމެވެ. އެއިރުން ކަންކަން ވާގޮތް އެނގޭނެއެވެ. ބުނަން ހެއްޔެވެ؟ ކޮއްކޮ ބޭނުންނަމަ ގެއިން ނުކުމެގެންދާށެވެ. މަންމަގެ ހުރިހާ ކަމެއްގެ ޒިންމާ އަހުރެން އުފުލާނަމެވެ. އަހުރެންނެއްވެސް ނޫނެވެ. އަހުރެންގެ ޖަމިއްޔާއިންނެވެ."
ދެދުވަހެއް ވަންދެން ދަރިފުޅު ހުރީ މަންމައާއި އަނގައިންވެސް ނުބުނެއެވެ. ވިސްނީއެވެ. ވިސްނުމަށްފަހު މަންމަގެ ކިބައިން މާފަށް އެދުނެވެ. އެކަން އަނބިމީހާ ޤަބޫލުނުކުރުމުން ވަރިކޮށްލައި ގެއިން ފޮނުވައިލީއެވެ.
އެއިގެ 4 މަސް ފަހުން ދެވަނަ ކައިވެނި ކުރިއެވެ. ދެވަނަ ކައިވެނިކުރީ ތަނަވަސް ޢާއިލާއެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅާއިއެވެ. މަންމަ ދެކެ ނުހަނު ލޯބިވާ ޅީދަރިއެކެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. މައިން ނިކަމެތިކޮށްލާ ދަރިންނަށް އަގުހުރި ފިލާވަލަކަށްވާނެކަމަށް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ-