އެދެޒުވާނަކީވެސް ލޯބިވެގެން އެތައް ދުވަހަކު އުޅެފައި ކައިވެނިކުރި ދެމަފިރިންނެވެ. ކައިވެންޏަށް އަހަރު ފުރުނު ދުވަހެވެ. އެންވާސަރީ ފާހަގަކުރަން ރޭގަނޑުގެ ކެއުމަކަށް ރެސްޓޯރަންޓަކަށްދާން އޮތީ ހަމަޖައްސައިފައެވެ. ފިރިމީހާއަށް އާދެވުނީ 11 ވެސް ޖެހިފަހުންނެވެ. އައިއިރު އަނބިމީހާ ފެންނާކަށް ނެތެވެ. ފެންނަން އޮތީ ނޯޓެކެވެ. އަވަސް އަވަހަށް ނޯޓް ނަގައިގެން ކިޔައިލިއެވެ.
ލޯބިވާ ފިރިކަލުންނޭވެ! ތިބާ އަހުރެން ދެކެ ލޯބިވިއިރު އަހުރެންނަށް ވަޤުތު ދިނެވެ. ނިދަން ފޮނުވަންޖެހެނީވެސް ގަދަކަމުންނެވެ. މިއަދު ތިބާ އަހުރެން ދެކެ ލޯތްބެއް ނުވަމުއެވެ. ވަޤުތު ނުދެނީ އެހެންވެގެންކަން އެނގެއެވެ. އެކުވެރިންނަށާއި ތިމާކުރަން ބޭނުންވާ ކަންކަމަށް ވަޤުތުދެމުއެވެ. ބާކީވީ އަހުރެންނެވެ. މިރޭވެސް ތިބާ ކަންތައްކުރާނެ ގޮތް އެނގެއެވެ. އެއީ އަހުރެން ނިދާ ވަޤުތު ޖެހޭފަހުން ގެއަށް އައިސް ބަހަނާއެއް ދެއްކުމެވެ.
ތިބާގެ ޢަމަލުތަކުން ދައްކަމުން ތިއަ އަންނަނީ އަހުރެން ދެކެ ލޯބިނުވާ ކަމެވެ. އަހުރެންގެ ބޭނުމެއް މިހާރު ނެތްކަމެވެ. ވީމާ ވަރިކޮށްލައި ނުކުމެގެންދާށޭ ބުނުމުގެ ކުރިން އަމިއްލައަށް މިދަނީއެވެ. ހޯދައިގެން ތިއައުޅޭ ލޯބިވެރިޔާއާއިއެކުގައި އުޅެމުން ގެންދާށެވެ. ގޭގެ ކުއްޔަށާއި ބިލްތައް ދައްކަން އަހުރެންގެ އަތުން ހޯދަމުން އައި ފައިސާ ދެން ލޯބިވެރިޔާގެ އަތުން ހޯދާށެވެ.
ބުނަން ހެއްޔެވެ؟ އަހުރެން ތިބާއަށް ފާރައެއް ނުލަމެވެ. ތިބާގެ ކަންކަން އަހުރެން ދެނެގަތީ އަހުރެންނާއިމެދު ޢަމަލުކުރަމުން އައިގޮތުންނެވެ. އަހުރެންނަށް މިކުރެވުނީ ނުބައި ހީއެއްނަމަ އަންގައިލާށެވެ. އަހުރެންގެ ކުރިމަތީގައި ޚަތިމުގަ އަތްލައި ހުވާކުރުވަން އަންނާނަމެވެ. އިތުރަށް ވާހަކަ ދައްކާނީ ހުވާކުރީމައެވެ. ދެން އަހުރެންނަށް މިވިސްނުނީ ޙަޤީޤަތާއި އެއްގޮތަށް ނަމަ އަވަހަށް ވަރިކޮށްލައިދޭށެވެ. ޢިއްދައިގެ ޚަރަދުވެސް ބޭނުމެއް ނޫނެވެ. --ތިބާދެކެ ލޯބިވާ ވަފާތެރި އަނބިމީހާ-"
ނޯޓް ކިޔާލާފައި ކަންބޮޑުވުމުގެ ބަދަލުގައި ފިރިމީހާ ހިނިތުންވެލީއެވެ. ސޯފާގައި އިށީނދެ ހަމަޖެހިލާފައި ފޯނެއް ކުރިއެވެ. "ލޯބީ! އަނބިމިހާ އަމިއްލައަށް ގެއިން ނުކުމެގެން ހިނގައްޖެ! ދެމީހުންގެ ކައިވެނި އަވަސްކުރަންވީ. އަވަހަށް މިގެއަށް އާދެބަލަ!"
އިރުކޮޅަކުން އޭނާ އެގެއަށް އައުމުން މެހްމާންދާރީ އަދާކޮށްފައި ކައިވެނި އަވަސްކުރުމުގެ ވާހަކަތައް ދައްތާފައި ބުންޏެވެ. "ލޯބީގެ ކިބައިން އެހީތެރިކަމަކަށްވެސް ބޭނުންވެއެވެ. މިހައިތަނަށް މިހާ އަގުބޮޑު ތަނެއްގައި މިއުޅެވުނީ ގޭގެ ކުއްޔާއި ބިލްތަކުގެ އެއްބައި އަނބިމީހާ ދައްކައިދޭތީއެވެ. ތިބާވެސް އެކަން ކޮށްލައިދޭންވާނެއެވެ. ނޫނީ މިމަހުވެސް ކުއްޔެއް ނުދެއްކޭނެއެވެ. ބިލްތަކެއްވެސް ނުދެއްކޭނެއެވެ."
އޭނާ ބުންޏެވެ. "ތިއަ ދައްކަނީ ކޮންޒާތެއްގެ ވާހަކަތަކެއް ހެއްޔެވެ؟ ގޭކުއްޔާ ބިލްދެއްކުމަކީ އަނބިމީހާއަށް ކޮންގޮތަކުން ކުރަންޖެހޭ ކަމެއް ހެއްޔެވެ؟ ކަލޭ ތިއަ ދޫކޮށްލީ އެހުރިހާ ކަމެއް ކޮށްދެމުން އައި އަނބިމީހާ ހެއްޔެވެ؟ އަހުރެން މިއުޅެނީ ކޮނޑަށް ބަސްތާއެއް އަރުވައިގެން އެބުރަ އުފުލަމުން ހިނގާކަށް ނޫނެވެ. އަހުރެން ބޭނުންވަނީ ވަރަށް އަރާމުގައި ދިރިއުޅޭށެވެ. ޢުމުރަށް ސަލާމެވެ. އަހުރެން މިދަނީއެވެ." އެހެން ބުނެފައި ނުކުންނަން ހިނގައި ގަތުމުން ހިފަހައްޓަން މަސައްކަތް ކުރިއެވެ. އެކަމަކު ފޮޅައިލާފައި ނުކުމެގެން ދިއައީއެވެ.
ވީދެރައިން ގޭތެރެއާއި ދިމާއަށް އެނބުރިލެވުނުއިރު ދޮރުގެ ފަރުދާތެރެއިން އަނބިމިހާ ލަގެޖެއް ހިފައިގެން ނުކުންނަނީއެވެ. ދެފައި މައްޗަށް ވެއްޓި އާދޭސްކުރަނިކޮށްވެސް އަދި މާބާރަށް ފޮޅާލާފައި ނުކުމެގެންދިއައީއެވެ. އަނގައިންވެސް ނުބުނެހުރެއެވެ.
މިއީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ނީޒްގެ ފުރަތަމަ ކައިވެނި ރޫޅުނު ގޮތެވެ. ލިބުނު ތަޖުރިބާއަށް ބަލައި 2 ވަނަ ކައިވެނިކުރިއެވެ. އެކައިވެނީގައި މިހާރު 7 އަހަރުވެއްޖެއެވެ. އަދި ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.
އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ. ޢިބްރަތް ޙާޞިލުކުރައްވާށެވެ!
- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިއެއް