ދިވެހިރާއްޖޭގެ އުފެއްދުންތައް ޖަޕާނުގެ ބާޒާރުގައި ވިއްކުމާއި، އެ އުފެއްދުންތައް މާކެޓްކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް، ޖަޕާނުގެ ކަމާގުޅޭ އިސް ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ސަފީރު މަޚްލޫފް ވަނީ ޖަޕާނުގެ ޖޭ.އޭ.ޓީ.އެސް ކޯ ލިމިޓެޑްގެ ޑިރެކްޓަރާއި ގްލޯބަލް ޓްރޭޑް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖްމަންޓުގެ އެދިވަޑައިގަތުމަކަށް ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސަފީރު އަޙްމަދު މަޚްލޫފް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ މައިގަނޑު ބޭނުމަކީ "އޮތެންޓިކް މޯލްޑިވްސް" ގެ އުފެއްދުންތައް ޖަޕާނުގައި މިހާރަށްވުރެ ބޮޑަށް މާކެޓް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ. އެގޮތުން ޖަޕާނުގައި ހިންގާ 'ވަން ވިލެޖް ވަން ޕްރޮޑަކްޓް' ފިހާރަތައް މެދުވެރިކޮށް ރާއްޖޭގެ އުފެއްދުންތައް ވިއްކޭނެ އަދަދު އިތުރުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ މަޝްވަރާތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ބައިނަލްއަގުވާމީ ބާޒާރަށް ތައާރަފުވެ، ދިވެހި އުފެއްދުންތަކަށް އޮތް ޑިމާންޑް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރުގެ ބާޒާރުތަކުން ފުރުޞަތު ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެކެވެ.