އައްޑޫ ސިޓީގައި އަލަށް ޤާއިމުކުރި ސަރުކާރުގެ އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފިއެވެ. މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރް އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި ސަރުކާރުން ޤާއިމުކުރި ފުރަތަމަ އައިނު ފިހާރައާއި ކެތު ލެބެވެ. މި އައު ޚިދުމަތްތަކާއެކު އައްޑޫ ސިޓީއާއި ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށް ލޮލުގެ ފަރުވާއާއި ހިތުގެ ބަލިތަކަށް ބޭނުންވާ މުހިންމު ޓެސްޓުތައް ހެދުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމެވެ. މިގޮތުން އައްޑޫގައި އިއްޔެ ހުޅުވުނު ކެތު ލެބަކީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އަމިއްލަ ރަށުގައި ތިބެގެން ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.