ރައީސް ނިންމަވާފައިވަނީ އައްޑޫގެ ޞިއްޙީ ނިޒާމު ގުޅިލާމެހިފައިވާ ނިޒާމެއްގެ ގޮތުގައި ތަރައްޤީކުރުމަށް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރައީސް ނިންމަވާފައިވަނީ އައްޑޫގެ ޞިއްޙީ ނިޒާމު ގުޅިލާމެހިފައިވާ ނިޒާމެއްގެ ގޮތުގައި ތަރައްޤީކުރުމަށް: ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ އައްޑޫ ސިޓީގެ ޞިއްޙީ ނިޒާމަކީ އެކި ރަށްތަކާ ގުޅިލާމެހިފައިވާ ވަރުގަދަ ނިޒާމެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި (އޭއީއެޗް) އަލަށް ޤާއިމުކުރި އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސްގެ ތަޞައްވުރަކީ އައްޑޫގެ އެކި ރަށްރަށުގެ ހެލްތު ސެންޓަރުތައް އަޕްގްރޭޑްކޮށް، އިތުރު ގިނަ ޚިދުމަތްތަކެއް އެ ތަންތަނުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

މި މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މަރަދޫ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. "މަރަދޫ ހެލްތު ސެންޓަރ އަޕްގްރޭޑުކުރުން ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނަން. އަޅުގަނޑުމެން އެމްޓީސީސީއާއެކު އެއްބަސްވެފައި އޮތީ އޭގެ ބައެއް ލީގަލް މަސައްކަތްތައް ނިމުމާއެކު އޭގެ އަމަލީ މަސައްކަތް ފެށޭނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ހުޅުދުއާއި މީދޫގެ ޞިއްޙީ މަރުކަޒުގެ މަސައްކަތްތައް ކުންފުންޏަކާ ހަވާލުކުރެވި، މިހާރު ކުރިއަށްދަނީ ޑިޒައިން ކުރުމުގެ މަރުހަލާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފޭދޫގެ ޞިއްޙީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވިސްނުންފުޅެއް ކަމަށާއި، އެ މަސައްކަތްތައް ތަރުތީބުކޮށް ކަރުދާހަށް ތިރިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ޞިއްޙީ ނިޒާމު ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. ރައްޔިތުންނަށް ޞިއްޙީ ގޮތުން ދިމާވާ ދަތިތައް ހައްލުކޮށް، ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދަވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން