ދެކުނުގެ އިގްތިސާދީ މައިބަދައަކީ ހިތަދޫ ޕޯޓް: ސީއީއޯ ރިޝްވާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދެކުނުގެ އިގްތިސާދީ މައިބަދައަކީ ހިތަދޫ ޕޯޓް: ސީއީއޯ ރިޝްވާން

ދެކުނުގެ އިގްތިސާދީ މައިބަދައަކީ ހިތަދޫ ޕޯޓް ކަމަށް ހިތަދޫ ޕޯޓް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ. ރިޝްވާން މިހެން ވިދާޅުވީ ހިތަދޫ ވިޔަފާރި ބަނދަރުގައި މުހިންމު ތިން ޚިދުމަތެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޝްވާން ވިދާޅުވީ، ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ފަރާތްތަކަކީ ހިތަދޫ އަދި ކުޅުދުއްފުށި ވިޔަފާރި ބަނދަރު ކަމަށެވެ. އެގޮތުން ހިތަދޫ ޕޯޓުގައި އަލަށް އިފްތިތާހުކުރެވުނު ޑިއުޓީ ފްރީ ބޮންޑެޑް ޒޯނަކީ މި ތަސައްވުރަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕޯޓުތަކުގެ ލޮޖިސްޓިކްސްގެ ޚިދުމަތް ފުޅާކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވަމުން ރިޝްވާން ވިދާޅުވީ، "ބޭރު ގައުމުތަކުގައި މި މަސައްކަތް ކުރިއަށްދާއިރު އަޅުގަނޑުމެން ޖެހެނީ ކަނޑުދަތުރުފަތުރުގެ ނިޒާމު ގާއިމުކުރަން. އޭގެ އެންމެ މުހިންމު ކަމަކީ މާލޭ ބަނދަރަށް ގެނެވޭ ކާގޯ އުތުރާއި ދެކުނަށް ފޮނުވުން،" ކަމަށެވެ.

އިގްތިސާދީ ކުރިއެރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެގްރިކަލްޗާ މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން އަތޮޅުތެރެއަށް ގެންދާ ކާގޯގެ އަގު ހެޔޮވެ، މުޅި ސަރަހައްދުގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިތަދޫ ޕޯޓަކީ ދެކުނުގެ އިގްތިސާދީ މައި ހަބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން، މި އައު ޚިދުމަތްތަކާއެކު ދެކުނުގެ ވިޔަފާރިއާއި އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން