އަލަށް އިމާރާތްކުރާ ކޯޓް ކޮމްޕްލެކްސްއާއެކު ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ. ޙުސްނީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ހައިކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙުސްނީ މުބާރިކް ވިދާޅުވީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް، އަލަށް ގާއިމުކުރެވޭ ކޯޓް ކޮމްޕްލެކްސްއާއެކު މީގެ ތެރެއިން ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ކޯޓް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ޙުސްނީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އެއް ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމް އާއި އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ އަލްއުސްތާޛު އަޙްމަދު ނިޔާޒު އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، އަލަށް އައްޔަންކުރެވުނު ފަނޑިޔާރުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުالله ޙަމީދުއެވެ. މި އައްޔަންކުރުންތަކާއެކު ކޯޓުތަކުގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.