ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އަންބަލަން މާހެފުން 2026" ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ. މި ހަރަކާތް އިފްތިތާހުކޮށްދެއްވުމަށްފަހު، އެކަމަނާ ވަނީ އަންބަލަންގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައެވެ.
މި ހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ޝީގެ ފަރާތުން އާންމުންނަށް އަމާޒުކޮށްގެން ބާއްވާ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 7 އިން 8 އަށް، މާލޭގެ އާޓިފިޝިއަލް ބީޗް ސަރަހައްދުގައެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް މި ހަރަކާތުގެ ކަންކަން ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
"އަންބަލަން މާހެފުން 2026" ގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރި ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ޖަންބަލް ސޭލްއެއްވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ޝީގެ ފަރާތުން ފޯރުކޮށްދޭ އެކި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ސްޓޯލްތަކެއް މި ސަރަހައްދުގައި ގާއިމުކޮށްފައިވެއެވެ.
އާއިލާތަކަށާއި ކުޑަކުދިންނަށް ހާއްސަކޮށްގެންވެސް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެވެސް ހަވީރު ގަޑީގައި ކުޑަކުދިންނަށް ހާއްސަ ސްޓޭޖް ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ޝީއިން ބުނެއެވެ. މި ހަރަކާތަކީ މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށާއި، ޝީގެ މަސައްކަތްތައް އާންމުންނަށް ފޯރުކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތެކެވެ.