ގއ. ކޮނޑޭގައި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން (ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން) ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމުގެ މަޝްރޫޢެއް ތަރައްޤީކޮށް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ނުވަތަ ޖަމްޢިއްޔާތަކަށް ވަނީ ހުޅުވާލެވިފައެވެ. ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.
މި މަޝްރޫޢަށް ހޮވޭ ފަރާތަކުން، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ވިޔަފާރީގެ ގޮތުން ފައިދާހުރި އަދި ރަށު ފެންވަރުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން ނަމޫނާ ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމުކުރަންވާނެއެވެ. ޚާއްޞަކޮށް ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ބޭނުންކުރުމާއި، އުފެއްދުންތަކުގެ އަގު އިތުރުކުރުމުގެ (Value addition) އިތުރުން ދަނޑުވެރިންނާއި ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް އިސްކަންދޭ ޕްރޮޕޯސަލްތަކަށް ވުޒާރާއިން ބާރުއަޅައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ލިޔުމުން ހުށަހަޅަންވާނެއެވެ. މަޢުލޫމާތުގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި، ސާފުކޮށްދެވޭ ކަންކަން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަކާ ހިއްސާކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ފުރިހަމަ ކުރެވިފައިވާ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށެވެ. ގަޑިޖެހިގެން ހުށަހަޅާ ޕްރޮޕޯސަލްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ކަމަށްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.