މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އޮޕްޓިކަލްސްއިން ޚިދުމަތް ދޭން ފެށި ފަހުން މިހާތަނަށް 12,000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މާލޭގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފެށި ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި ދުވާލަކު އެވްރެޖްކޮށް 100 މީހުން ޚިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މިހާރުވެސް ދުވާލަކު ގާތްގަނޑަކަށް 40 އެއްހާ މީހުން މި ޚިދުމަތް ހޯދަމުންދާކަން ތަފާސްހިސާބުތަކުން ދައްކާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޙަލީމް ވިދާޅުވީ، އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް ޖުމްލަ 12,988 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. "މީގެ ތެރެއިން 12,056 ފަރާތަކަށް ސަރުކާރުގެ ހަރަދުގައި އައިނު ހައްދާ ވަނީ ފޯރުކޮށްދީފައި. މީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ގުޅިފައިވާ ނުހަނު ބޭނުންވެފައިވާ ހިދުމަތެއްކަން މި ހިސާބުތަކުން ވަރަށް ސާފުކޮށް އެނގިގެން އެބަދޭ،" ސީއީއޯ ވިދާޅުވިއެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ފެށިގެންދިޔަ މުހިންމު ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެން ގޮސްފައިވެއެވެ.