ހއ. ދިއްދޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފިއެވެ. މިއީ އެ ރަށުގައި ކުރިއަށްދާ ބިން ހިއްކުމުގެ މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ، މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށާއި، ބާކީ ހުރި މަސައްކަތްތައްވެސް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
ދިއްދޫގައި ކުރިއަށްގެންދާ މި ބިން ހިއްކުމުގެ މަޝްރޫޢަކީ އެ ރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށާއި، ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށާއި އެ ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ. ރައީސްގެ މި ވަޢުދުފުޅާއެކު، ދިއްދޫގެ ބިން އިތުރުވެ، އެއަރޕޯޓުގެ ޚިދުމަތް ލިބިގެންދިއުމަކީ މުޅި ތިލަދުންމަތީގެ ދަތުރުފަތުރުގެ ނިޒާމަށްވެސް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.