ބޭބީބަޔޯ މަރުކާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިފައިވާތީ، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބޭބީބަޔޯ މަރުކާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިފައިވާތީ، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

ތުއްތުކުދިންގެ ފޯމިޔުލާ އުފައްދާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ބޭބީބަޔޯ މަރުކާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިފައިވާތީ، އެ މަރުކާގެ ދެ އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ފަރަންސޭސިވިލާތުގައި އުފައްދާ ބޭބީބަޔޯ މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެ އުފެއްދުންތައް ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާކަމުގެ މަޢުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (RASFF) ގައި އާންމުކޮށްފައިވާ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.

އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި "ސެރެއުލައިޑް" އަކީ ބެސިލަސް ސިރިއަސް ޖަރާސީމު އުފައްދާ ވިހަ މާއްދާއެކެވެ. މި މާއްދާއިން ތަޣައްޔަރުވެފައިވާ ކާއެއްޗެއް ބޭނުންކުރެވިއްޖެނަމަ، "މޭނުބައިކޮށް ހޮޑުލުން، އަދި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް" ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މަނާކުރި ބެޗްތަކުގެ ތަފްސީލް:

މި ވިހަ މާއްދާ ފެނިގެން މަނާކޮށްފައިވަނީ ތިރީގައިވާ އުފެއްދުންތަކުގެ ވަކި ބެޗްތަކެކެވެ:

ބޭބީބަޔޯ އޮޕްޓިމާ 1 (400 ގްރާމް): ބެޗް ނަންބަރު 900932

ބޭބީބަޔޯ އޮޕްޓިމާ 1 (800 ގްރާމް): ބެޗް ނަންބަރު 894408

ބޭބީބަޔޯ ކެޕްރިއާ 1 (800 ގްރާމް): ބެޗް ނަންބަރު 900035 އަދި 899014

އެހެންކަމުން، އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި މި ބެޗްތަކުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން ހުއްޓާލުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން