ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ބަނދަރު ތަރައްޤީކުރުމުގެ ދާއިރާއިން މިހާތަނަށް 14 މަޝްރޫޢެއް ނިމިފައިވާއިރު، 102 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 16 މަޝްރޫޢެއް ހަވާލުކުރުމަށް ނިންމާފައިވާއިރު، ކުރިއަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި މި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ "މަޝްރޫޢުތައް އަވަސްކުރުމާއި ޚަރަދު ކުޑަކުރުމުގެ ގޮތުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެނެސް، ރާއްޖޭގައި ސްޓޮކްޕައިލް ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން ވަނީ ފަށާފައި" ކަމަށެވެ.
މަގު ހެދުމުގެ ދާއިރާއިން 97 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާއިރު، މިއަހަރު އަލަށް 13 މަޝްރޫޢެއް ހަވާލުކުރެވޭނެއެވެ. ޖުމްލަ 110 މަޝްރޫޢެއް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު، މި މަސައްކަތްތައް 22 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގައި، ރައްޔިތުންގެ އެދުމުގެ މަތިން ފެން ހިންދާ ނިޒާމާއެކު ވެލި މަގުތައް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 62 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއަހަރު އަލަށް ހަވާލުކުރާ 15 މަޝްރޫޢާއެކު ޖުމްލަ 77 މަޝްރޫޢެއް ކުރިއަށްދާއިރު، މި މަސައްކަތްތައް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
ފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 42 ރަށެއްގެ ފެނުގެ މަޝްރޫޢާއި 39 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ބާކީ ހުރި 51 ރަށުގެ ފެނުގެ ނިޒާމާއި 40 ރަށުގެ ނަރުދަމާގެ މަސައްކަތް ނިމުމުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެ ޚިދުމަތް ލިބިގެންދާނެއެވެ. މި އަމާޒަށް ވާސިލުވުމަށް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ.
މި ހުރިހާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.