ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަ ކޮށްގެން "ވެލާނާ އެވޯޑްސް" ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފު ކޮށްފިއެވެ. މި އެވޯޑަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭން ފެށި އެވޯޑެކެވެ.
މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން އިސްނަގައިގެން، އެއަރޕޯޓުގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނިން ބުނި ގޮތުގައި، މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް އެއަރޕޯޓުގެ ބައިވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަކީ ވެސް މި އެވޯޑުގެ ބޭނުމެކެވެ. މިއީ ކޮންމެ އަހަރަކުވެސް ދެމުންދާނެ އެވޯޑެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އަހަރުގެ އެވޯޑުގައި ތިން ދާއިރާއަކުން ޖުމްލަ 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކަކީ ފަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑެވެ.
މީގެ އިތުރުން، މުޅި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއާލައިން ހޮވައި، އެ ފަރާތަކަށް ޚާއްސަ އެވޯޑެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މި އެވޯޑަކީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.