ޒަކާތު ފަންޑުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 2.1 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ޖުމްލަ 185 ފަރާތަކަށް ބޭސްފަރުވާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އެއީ ޖުމްލަ 2,127,779.53 ރުފިޔާއެވެ.
ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި ޑިސެންބަރު މަހު ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް އަލަށް ދޫކުރަން ނިންމީ 1,479,365.85 ރުފިޔާއެވެ. ނަމަވެސް ޖުމްލަ ހޭދަކުރި އަދަދު އިތުރުވެފައިވަނީ، ޑިސެންބަރު މަހުގެ ކުރިން އެހީ ހަމަޖެހިފައިވާ ފަރާތްތަކަށްވެސް އެ މަހުގެ ތެރޭގައި ފައިސާ ދޫކޮށްފައިވާތީ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެ ބަލީގެ ފަރުވާއަށް 301,075.50 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ސިކުނޑީގެ ބަލިތަކަށް 114,810 ރުފިޔާ، ހިތުގެ ބަލިތަކަށް 68,967 ރުފިޔާ، އަދި ފުއްޕާމޭގެ ބަލިތަކަށް 67,676 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އަދި ކިޑްނީ ބަލިތަކަށް 36,083.50 ރުފިޔާ، ގުނަވަން ބަދަލު ކުރުމަށް 25,443 ރުފިޔާ އަދި އެހެނިހެން ބަލިތަކުގެ ފަރުވާއަށް 865,310.85 ރުފިޔާ ޒަކާތު ފަންޑުން ވަނީ ދޫކޮށްފައެވެ. ބޭސްފަރުވާގެ އިތުރުން، ޒަރޫރީ އެހީގެ ގޮތުގައި 161,900 ރުފިޔާ އަދި ފްލެޓުތަކުގެ ޑައުންޕޭމަންޓު ދެއްކުމަށް 91,000 ރުފިޔާ ޑިސެންބަރު މަހު ހޭދަކޮށްފައިވެއެވެ.
ޒަކާތު ފަންޑުން ޑިސެމްބަރު މަހު ފީސަބީލިﷲ އަށް ޚަރަދުކުރި ދާއިރާތަކަށް ބަލާއިރު، ޤުރުއާން ހިތުދަސްކުރުމާއި ޢިލްމު ފެތުރުމަށް 521,733.43 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ދީނީ އެކި ޕްރޮގްރާމްތައް ހިންގުމަށް 420,698.09 ރުފިޔާ، ފޮތް ތަރުޖަމާ ކުރުމަށް 401,950 ރުފިޔާ، މަތީ ތަޢުލީމަށް 305,655 ރުފިޔާ އަދި ޓްރެއިނިންގ ކޯސްތަކަށް 16,443 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.