މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފި

މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޒަމާނީ ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމުކޮށް، އެތަނުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ލެބޯރަޓަރީ ރަސްމީކޮށް ހުޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ލެބޯރެޓަރީއަކީ ތެލަސީމިއާގެ ބާވަތްތައް ޞިއްޙީ މިންގަނޑުތަކަކުން ތަޙްލީލު ކުރުމަށް ޚާއްޞަކޮށްގެން އުފެއްދި ތަނެކެވެ. މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގެ ނިޒާމުގެ ތެރޭގައި މިފަދަ ފުޅާ ދާއިރާއެއްގައި ޑީ.އެން.އޭ ތަޙްލީލުތައް ކުރެވޭނެ އިންތިޒާމު ހަމަޖެހުނު ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ލެބޯރެޓަރީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ، "ތެލަސީމިއާގެ ބާވަތްތައް ޞިއްޙީ މިންގަނޑުތަކަކުން ތަޙްލީލު ކުރުމުގައި، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓަމޭޓަޑް ޑީ.އެން.އޭ ތަޙްލީލުކުރާ ލެބޯރެޓަރީ ޤާއިމުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިދުމަތްދޭން މިހާރު ވަނީ ތައްޔާރުވެފައި" ކަމަށެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާ ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. މިގޮތުން ލޭގެ ބަލިތަކަށް ޚާއްސަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ފާހަގަކުރެވެއެވެ.

މި އައު ޚިދުމަތާއެކު، ތެލަސީމިއާ ކުދިންނަށާއި އެ ބަލީގެ ކެރިއަރުން ދެނެގަތުމަށް ކުރަންޖެހޭ ތަޙްލީލުތައް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ވަކިން ޚާއްޞަކޮށް ތެލަސީމިއާ ކުދިންނަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން