ނިމިދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި ރެކޯޑް މިންވަރަކަށް މަސައްކަތް ކުރެވިފައިވާ އަހަރެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤަޟާޢީ ބަޔާން އިއްވަވަމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ކިތަންމެ ދަތި އުނދަގޫ ހާލަތްތަކެއް ކުރިމަތިވި ނަމަވެސް، ޝަރުޢީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރަމުން އައީ އިންސާފު ޤާއިމުކުރުމަށް އިޚްލާސްތެރިކަމާއެކުގައެވެ. އެގޮތުން 2025 ވަނަ އަހަރާ ޝަރުޢީ ދާއިރާއިން ކުރިމަތިލީ ކުރިން ނުނިމި ހުރި 13,351 މައްސަލައާ އެކުގައެވެ. އަދި އެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ކޯޓުތަކަށް އަލަށް 20,899 މައްސަލަ ހުށަހެޅިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖުމްލަ 34,242 މައްސަލައެއްގައި ފަނޑިޔާރުން ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 20,442 މައްސަލައެއްގައި މިދިޔަ އަހަރު ހުކުމްކޮށް މައްސަލަ ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޝަރުޢީ ދާއިރާއަށް ދިގު މާޒީއެއްގައި އެކަށީގެންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ކުރިމަތިވި ހުރަސްތައް މިހާރު ހިރާސްތަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަމާލުކަމަށް މިކަންކަން ގެނައުމުން މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. ޚާއްޞަކޮށް ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ބަޖެޓުގެ ގޮތުގައި ހަމަޖައްސަވައިދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ސިފަކުރެއްވިއެވެ. "މިއަހަރުގެ އުންމީދީ ބަޖެޓާއެކު ޝަރުޢީ ދާއިރާގެ 49 މަޝްރޫޢެއް ފެށިގެންދާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި މިހާރު ހިނގަމުންދާ 10 މަޝްރޫޢެއް މިއަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.