ކައިވެނި ރޫޅި ނިކަމެތިޙާލުގަ ހުރި އަންހެނަކަށް ތަނަވަސް ފިރިއަކު ލިބުނު ސަބަބު- ކޮންމެ މުސްލިމަކަށްވެސް އޮތް ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކައިވެނި ރޫޅި ނިކަމެތިޙާލުގަ ހުރި އަންހެނަކަށް ތަނަވަސް ފިރިއަކު ލިބުނު ސަބަބު- ކޮންމެ މުސްލިމަކަށްވެސް އޮތް ފުރުޞަތެއް!

އެއީ ފިރިމީހާ ވަކިވުމުން އެކަނިވެރިވެފައިވާ ނިކަމެތި އަންހެނެކެވެ. ވަޒިފާއަދާކުރަނީ ކެފޭއެއްގައެވެ. ހުސްވަޤުތެއް ލިބިއްޖެނަމަ އޭނާގެ ކަމަކީ ދުޢާކުރުމެވެ.  

އެއްދުވަހަކު ރެސްޓޯރަންޓަށް އައި އަންހެނަކަށް އޭނާގެ ދެއަތް އުފުލައި ދުޢާކުރަން އިންދާ ފެނުމުން ބުންޏެވެ. "ތިއަކުރަނީ ބޭކާރު ކަމެކެވެ. އަހުރެން ދުވަހަކުވެސް ދުޢާއެއް ނުކުރަމެވެ. އެކަމަކު ބޭނުންކަމެއް ކޮށްގެން އެބައުޅެވެއެވެ."  

ޖަވާބުގައި އޭނާ ބުންޏެވެ. "ބޭނުންކަމެއް ވުމާއި ނުވުމަކީ ތަފާތުކަމެކެވެ. ދުޢާކުރުމަކީ ތަފާތުކަމެކެވެ. ދުޢާކުރާ އަޅުންނަށް ﷲ ރަނގަޅު ގޮތް މެދުވެރިކުރައްވަވާނެތެވެ. ހިތްވަރާއި ޘާބިތުކަންވެސް ދެއްވަވާނެތެވެ. އަހުރެން ކިތަންމެ ނިކަމެތި ނަމަވެސް އަހުރެންނަށް ހިތްވަރާއި ޘާބިތުކަން ދެއްވަވައެވެ."

އެވަޤުތު ތަނަވަސް މީހަކު އެތަނަށްވަދެގެން ގޮސް އޭނާގެ ގާތުގައި ހުއްޓިފައި ސުވާލުކުރިއެވެ. "ކަލެއަށް އަހުރެން އެނގިއްޖެހެއްޔެވެ؟ އަހުރެންގެ މަތިން ހަނދާން އެބަހުރިހެއްޔެވެ؟ އަހުރެންނަކީ މީގެ 3 އަހަރުކުރިން ވިޔަފާރި ބަނގުރޫޓުވެ ވަރަށް ނިކަމެތި ޙާލުގައި އުޅުނު މީހަކީމެވެ. ވަކިލާރިއެއްވެސް ނެތި މިތަނަށް ވަދެ އެވާހަކަ ބުނުމުން ތިބާ އަހުރެންނަށް ކާންދިނީމުއެވެ. އަދި އަހުރެންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކޮށްދިނީމުއެވެ. އަދި ދުޢާކުރުންމަތީގައި ހުރުމަށް އަހުރެންނަށް ހިތްވަރުދިނީމުއެވެ.  

އެބަސް ޤަބޫލުކޮށް އަހުރެން ދުޢާކުރަމުން ގެންދިއައިމެވެ. މިއަދު އަހުރެންނަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަހުރެން މިއައީ ތިބާއަށް ހަދިޔާއެއް ހިފައިގެންނެވެ. އެއް ހަދިޔާއެއް ނޫނެވެ. 2 ހަދިޔާއެކެވެ. ފުރަތަމަ މިދެނީ އެއްލައްކަ ޑޮލަރެވެ. ދެވަނަ ހަދިޔާއަކީ އަހުރެންގެ ހިތެވެ. ބޭނުންނަމަ އަހުރެންނާއި ކައިވެނިކުރާށެވެ. އަހުރެންގެ ކާމިޔާބީގެ ސިއްރަކީ ތިބާ އެދުވަހު ކޮށްދިން ދުޢާއާއި ދުޢާކުރަން އަހުރެންނަށް ބުނެދީ ދިން ހިތްވަރެވެ. ވީމާ މިއަދު އަހުރެން ކައިވެނިކުރަން ތިބާއަށްވުރެ ޙައްޤުކަން ބޮޑު ހަމައެކަކުވެސް ނެތެވެ."  

ވާހަކަ އަޑުއަހަން ތިބި އެންމެންނަށްވެސް ލިބުނީ ވަރުގަދަ މެސެޖެކެވެ. ދުޢާއިން ޙާޞިލުނުކުރެވޭނެ ކަމެއް ނެތްކަމެވެ. އޭނާއަށް ތަނަވަސް ބައިވެރިއަކު އެލިބުނީ ކުރި ދުޢާއިންނެވެ. އަދި އެމީހާއަށް ތަނަވަސްކަން އެލިބުނީވެސް ކުރި ދުޢާއިން ކަމަށްވީމައެވެ. 

މިއީ ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ގިނަ ބައަކަށް މިވީޑިއޯ ފެނިފައިވާނެކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް މިއަދުނޫހަށް ޙިއްޞާމިކުރީ މިއަދުނޫހުގައި ލިޔާ ލިޔުންތަކާއި ވަރަށް ގުޅުންހުރި ޙާދިސާޢަކަށްވާތީއެވެ. އެއިގެ އިތުރުން ކިޔުންތެރިންނަށް ދުޢާކުރުން ގިނަކުރަން ހިތްވަރުލިބޭނެ ހާދިސާއަކަށްވެސް ވާތީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން