މާލޭގެ ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަންގައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ ސްކޭޕިން މަޝްރޫއުގެ ދަށުން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ފުލުހުން ހިއްސާކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި ހުރިހާ އުޅަނދެއް މިއަދު އިރުއޮއްސި 18:00 ގެ ކުރިން އެ ސަރަހައްދުން ނަގައި ހުސްކުރުމަށް ވަނީ އެދިފައެވެ.
މާލޭގައި ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ބޭނުންކުރާ އާންމު މައިޒާންތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މައިޒާންތަކަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ.
މިހާރުވެސް މަރާމާތުގެ މަސައްކަތްތަކަށްޓަކައި މާލޭގެ ބައެއް މުހިންމު ސަރަހައްދުތައް ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ހިމެނެއެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ރަސްފަންނު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.
ސަރުކާރުގެ އަމާޒަކީ މި މަސައްކަތްތައް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ހިތްފަސޭހަ އަދި ރައްކާތެރި މައިޒާންތަކެއް ގާއިމުކޮށްދިނުމެވެ.