ރަމަޟާން މަހާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރަމަޟާން މަހާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި، ރާއްޖޭގެ ހޫނުމިން މަތިވާ ޕީކް ސީޒަނާ ދިމާކޮށް ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން އެކި ރަށްތަކަށް ބޭނުންވާ އައު ޖަނަރޭޓަރު ސެޓުތައް ފޮނުވުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އަލަށް ގެނައި ޖެނެރޭޓަރުތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ. މިކަމާ ގުޅޭ ތަފްސީލީ މައުލޫމާތު އެ ކުންފުނިން ވަނީ މީސްމީޑިއާ މެދުވެރިކޮށް އާންމުކޮށްފައެވެ.

ވ. ތިނަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ރަށު އިންޖީނުގެއަށް ވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް، ހިދުމަތް ދޭން ފަށާފައެވެ. މި ބަދަލާއެކު ތިނަދޫގެ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 1,539 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

އއ. އަތޮޅުގެ ރަށްތަކަށް ބަލާއިރު، މަތިވެރިއަށް ގެންދިޔަ 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓާއެކު އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ވަނީ 1,650 ކިލޯވޮޓަށް މަތިވެފައެވެ. އަދި އުކުޅަހަށް 1,000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް އިތުރުކޮށް، އެ ރަށުގެ ކެޕޭސިޓީ ވަނީ 2,564 ކިލޯވޮޓަށް ބޮޑުކޮށްފައެވެ. މީގެއިތުރުން، ތޮއްޑޫގައި 1,000 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި ހިދުމަތް ދޭން ފެށުމުން، އެ ރަށުގެ ޖުމްލަ ކެޕޭސިޓީ މިހާރު ވަނީ 3,592 ކިލޯވޮޓަށް އިތުރުވެފައެވެ.

ކ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ގުރައިދޫގައި ވެސް 1,000 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބަހައްޓައި މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ. މިއާއެކު ގުރައިދޫގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2,960 ކިލޯވޮޓަށް އިތުރުވެފައެވެ.

ސްޓެލްކޯގެ އަމާޒަކީ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެންދާއިރު، އެއްވެސް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން ގެނެވުނު ބަދަލުތަކާއެކު، ޕީކް ސީޒަނުގައި ދިމާވެދާނެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން