ގޭސް ނުލިބިގެން ނުކެއްކި ތިބޭކަށް ނުޖެހޭނެ! ކުރަމުންދާ މަސައްކަތުން ވަރަށް އަވަހަށް މައްސަލަ އެކުގަ ޙައްލުކުރެވޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ގޭސް ނުލިބިގެން ނުކެއްކި ތިބޭކަށް ނުޖެހޭނެ! ކުރަމުންދާ މަސައްކަތުން ވަރަށް އަވަހަށް މައްސަލަ އެކުގަ ޙައްލުކުރެވޭނެ!

ރާއްޖެއަށް ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ގޭސް ނުލިބިގެން ނުކެއްކި ތިބޭކަށް ނުޖެހޭނެ ކަމަށާއި ކުރަމުންދާ މަސައްކަތުން ވަރަށް އަވަހަށް މި މައްސަލަ އެކުގަ ހައްލުކުރެވޭނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފިއެވެ.

ރާއްޖެއަށް ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެސްޓީއޯއިން ވަނީ ރާއްޖޭގައި ކައްކާ ގޭހަށް ނުޖެހޭވަރަށް ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ދުނިޔޭގެ ބާޒާރުގަޔާއި އަދި ސަރަހައްދީ ގޮތުންވެސް ގޭސް ސަޕްލައި ކުރުމަށް އައިސްފައިވާ ލޮޅުންތަކަކާ ގުޅިގެން ދިމާވެފައިވާ ކަމެކެވެ. ރާއްޖެއަށް ކައްކާ ގޭސް އެތެރެކޮށް ވިއްކުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ގޭހާއި ވިލާ ކުންފުނިންނެވެ.

ސަޕްލައިއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު އާންމުކޮށް ވިއްކަމުންދާ 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅިއެވެ. މި ފުޅިތައް ވިއްކަމުންދަނީ ޑިސްކައުންޓް ރޭޓުތަކެއްގައި ކަމަށް އެސްޓީއޯއިން ބުނެއެވެ. "ގޭހުގެ ސަޕްލައިއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން، ވަކިގޮތަކަށް ބާޒާރުގައި ގޭސް ކޮންޓްރޯލްކޮށްގެން ވިއްކުމަކީ އަބަދުވެސް ކުރާކަމެއް،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވިއެވެ

މިއަދުނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަމަޟާންމަސް ފެށުމުގެ ކުރިން މައްސަލަ ޙައްލުކުރެވިގެންދާނެއެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ސަބަބުން އެކިބާވަތްތައް ލިބުމަށް ދަތިތައް ކުރިމަތިވާ ކޮންމެ ފަހަރަކުވެސް އެސްޓީއޯގެ ބުރަ މަސައްކަތުން ވަނީ ރައްޔިތުންނަށް ތަކްލީފަކަށް ނުވާނެ ގޮތަށް ޙައްލުކޮށްދީފައެވެ.

މިއަދު އޮންލައިން