ކައިވެނި ޞައްހަވުމުގެ ޝަރުޠުތަކާ ކައިވެނި ރަޖިސްޓްރީކުރަންޖެހޭ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ކައިވެނި ޞައްހަވުމުގެ ޝަރުޠުތަކާ ކައިވެނި ރަޖިސްޓްރީކުރަންޖެހޭ ސަބަބުތައް-

އިސްލާމްދީނުގައި ކައިވެނި ޞައްޙަ ވުމުގެ ޝަރްޠުތަކުގެ ތެރޭގައި ކައިވެނި ކުރާތަނަކީ ކޯޓުކަމުގައިވުން މިހެނެއް ނޯވެއެވެ. ކައިވެނި ޞައްޙަވުމުގެ ޝަރްޠުތަކަކީ:

1- ކައިވެނިކުރާ ފިރިހެންމީހާ އަދި އަންހެން މީހާ އެއީ ކޮންބަޔެއްކަން (ނަމުންވިޔަސް) ބަޔާންކުރުމާއި

2- ދެމީހުންގެ ރުހުން އެކަމުގައި އޮތުމާއި

3- ވަލީވެރިޔާގެ ވަލީ ލިބިގެންވުމާއި

4- ދެހެކީން ނެވެ. 

އެހެންކަމުން މި ޝަރްޠުތައް ހަމަވާނަމަ ކޮންމެ ތަނެއްގައި ކައިވެނި ކުރި ކަމުގައިވިޔަސް ކައިވެނި ޞައްޙަވާނެއެވެ. އަދި މިގޮތަށް ކައިވެނިކޮށްގެން އެއްދާންކޮށްފިނަމަ އެއީ ޒިނޭއަކަށްވެސް ރޭޕަކަށްވެސް ނުވާނެއެވެ. 

ކައިވެންޏާއި ވަރިއަކީ އިސްލާމްދީނުގައި އެކަންކަމުގެ މައްޗަށް ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމެކެވެ. ކޮންމެ ތަނެއްގައި ކުރިނަމަވެސް ކައިވެނި ކޯޓުގައި ރަޖިސްޓްރީ ކުރަންޖެހޭ ސަބަބަކީ، ކައިވެންޏަކީ އެކަމުގެ މައްޗަށް ވަރަށް ގިނަ އިޖްތިމާޢީ ޙައްޤުތަކެއް ބިނާވާ ކަމަކަށްވާތީ އެ ޙައްޤުތައް ގެއްލޭ ޙާލަތުގައި އޭގެ ޙައްޤުވެރިންނަށް އެ ޙައްޤުތައް ހޯދައިދިނުމަށް ބާރުއެޅުމާއެކު، ނަސަބު އޮޅުންފަދަ ކަންކަމުން މުޖްތަމަޢު ސަލާމަތްކުރެވޭނީ ކައިވެންޏާއި ވަރީގެ ރެކޯރޑްތައް ބަލަހައްޓައި އެކަންކަން ޒިންމާދާރު އިދާރާއެއްގެ ދަށުން ކޮށްގެން ކަމަށްވާތީއެވެ. އެގޮތުން މިކަމުން ވަރަށް ގިނަ އެހެން ޙުކުމްތަކަށްވެސް އަސަރު ކުރެއެވެ. 

1- ކިރުދިނުމުގެ ޙުކުމްތައް

2- ޙަޟާނަތު (ދަރިފުޅު ބެލެހެއްޓުން)

3- ޚަރަދު ދިނުން (އަނބިދަރީންގެ ޚަރަދު، ޢިއްދައިގެ ޚަރަދުފަދަ ކަންކަން)

4- ޢިއްދައިގެ ޙުކުމްތައް

5- ވަލީވެރިކަން

6- ވާރުތަ މުދާ

7- ޤިޞާޞް ހިފުން

8- ވައްކަމުގެ ޙައްދު ޤާއިމުކުރުން

9- ޤަޛްފުކުރުމުގެ ޙައްދު ޤާއިމްކުރުން

10- ހެކިދިނުން 

އަދިވެސް މިނޫން ކަންކަން، ނަސަބު ޘާބިތުކުރުމާ ގުޅިފައިވެއެވެ. 

ކައިވެންޏާއި ވަރި ރަޖިސްޓަރީ ނުކުރާނަމަ، މި ހުރިހާ ޙުކުމްތަކަކަށް ބުރޫއަރާނެއެވެ. އަދި ބުރޫ އަރާ ޙާލަތުގައި ވާނުވާ ނުވެސް އެނގޭނެއެވެ. ދޮގުހެދުމާއި އޮޅުވާލުމާއި ދޮގުހުވާކުރުން މިހާ ޢާއްމުވެފައިވާ ޒަމާނެއްގައި، ކައިވެނި ރަޖިސްޓަރީ ނުކުރާނަމަ ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ ޙައްޤުތަކެއް ގެއްލިގެންދާނެއެވެ. އެހެންކަމުން ކައިވެންޏާއި ވަރި ރަޖިސްޓަރީ ކުރާގޮތަށް ހުރިހާ ދައުލަތެއްގައިވެސް އިންތިޒާމްތައް ހަމަޖެހިފައިއޮވެއެވެ. 

އެގޮތުން ދިވެހިރާއްޖޭގައިވެސް، އެފަދަ ކަންކަމަށް ޚާއްޞަ ކޯޓެއް ދައުލަތުގެ ފަރާތުން ޤާއިމުކޮށް، ކައިވެނި ވަރީގެ ތަފާސް ޙިސާބުތަކާއި އެކަމާގުޅޭ ޙައްޤުތައް ހޯދައިދިނުމާއި އެކަންކަން ރަޖިސްޓްރީކުރުމާއި އެންމެހާ ކަންކަން އެ ކޯޓުގެ ފަރާތުން ހިންގަމުން ގެންދަނިކޮށް، ކޯޓުގައި ރަޖިސްޓްރީ ނުކޮށް އަމިއްލަ އަމިއްލައަށް ކައިވެނިކޮށްގެން އުޅުމަކީ އެއީ އެކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ޙައްޤުތައް ގެއްލި، ބޮޑެތި ފަސާދަތައް ޢާއްމުވެދާނެ ކަމެކެވެ. 

ކައިވެނީގެ ރުކުންތައް ހަމަވުމާއެކު، ކޯޓުން ބޭރުގައި ކައިވެނިކުރިޔަސް ކައިވެނި ޞައްޙަވުމުގެ މުރާދަކީ އެގޮތަށް ކައިވެނި ކުރުން އެއީ ރަނގަޅު ކަމެއްކަމުގައި ބަލައިގަނެ އެގޮތަށް ޢަމަލުކުރަމުން ގެންދިޔުމެއް ނޫނެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު 

މަރްޖިޢު

https://islamqa.info/ar/answers/22728

 

 

މިއަދު އޮންލައިން