ޢިބްރަތްތެރި ވާހަކަ: ލިބޭ މުސާރައިން ނުފުދޭތީ މީހަކަށް އުޅެންޖެހޭނެ އެންމެ ދަތިޙާލުގަ އުޅެމުން އައިމީހަކަށް ފުދިއިތުރުވާވަރަށް ލިބެން ފެށި ސަބަބުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 14ސ
ޢިބްރަތްތެރި ވާހަކަ: ލިބޭ މުސާރައިން ނުފުދޭތީ މީހަކަށް އުޅެންޖެހޭނެ އެންމެ ދަތިޙާލުގަ އުޅެމުން އައިމީހަކަށް ފުދިއިތުރުވާވަރަށް ލިބެން ފެށި ސަބަބުގެ ވާހަކަ-

އަޅުގަނޑުމެންގެ ތެރެއިން ގިނަބައަކަށް ވިސްނިފައި އޮންނަނީ ޙަރާމް ޙަލާލަށް ބެލުމަކީ މުހިންމު ކަމެއް ނޫން ކަމަށާއި އަތުޖެހެން އޮތް ގޮތަކުން ފައިސާ ހޯދިއްޖެނަމަ އެނިމުނީ ކަމަށެވެ. އެއިރުން އެވަޤުތު ހަމަޖެހުމެއް ލިބުނަސް ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވެގެންދެއެވެ. ފައިދާހުރި ޙައްލެއް ލިބެނީ ޙަލާލުގޮތުގައި ލިބިގަތީމައެވެ.   

ތިރީގައި އެވަނީ އެންމެ ދަތިޙާލުގައި އުޅެމުންވެސް ތެދުވެރިކަމުގައި ލާމަސީލު ނަމޫނާއެއް ދެއްކި ޒުވާނަކަށް ލިބުނު ކުރިއެރުމާއި ބޮޑު ކާމިޔާބީގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ.  

އަޅުގަނޑަކީ ދިރިއުޅެން ކުރަންޖެހޭ ޚަރަދާއި އަޅައިބަލާއިރު ވަރަށް ކުޑަ މުސާރައެއް ލިބޭ މުވައްޒިފަކީމެވެ. ވަޒީފާ އަދާކުރަނީ އަމިއްލަ ވިޔަފާރި ކުންފުންޏެއްގައެވެ. ލިބޭ މުސާރައިން ދިރިއުޅޭތަނުގެ ކުލި ދައްކާފައި ސަރުކާރަށް ދައްކަންޖެހޭ ބިލްތައް ދެއްކުމުން އިތުރުވަނީ އެންމެ 4000 ރުފިޔާއެވެ. 3 ދަރިންނާއި އަޅުގަނޑާއި އަނބިމީހާގެ ޚަރަދުތައް ބަލަހައްޓަންޖެހެނީ އެ 4000 ރުފިޔާއިންނެވެ.  

ކޮންމެ މަހަކުވެސް 3 ވަނަ ހަފްތާ ނިމުމުން ދެން ހުންނަން ޖެހެނީ އިތުރު އެއްޗެއް ނުގަނެވިފައެވެ. ކުރިން ކާޑުކޮޅު ގަންނާތީ އެއިން ފުއްދާލައިގެންނެވެ. ލައިގެންކާ އެއްޗަކަށް ބޭނުންކުރަނީ މާރުކޭޓުން ރުފިޔާއަކަށް ވިއްކާ މެދުކަށްޓެވެ. ބައެއް ފިހާރަތަކުން ވަރަށް ހެޔޮއަގުގައި ވިއްކާ އެއްބައި ކުނިވެފައި ހުންނަ ތަރުކާރީ ގަނެ ސާފުކޮށްގެންނެވެ.   

އިތުރަށް ކުރިއަށް ދިއުމުގެ ކުރިން އަޅުގަނޑުގެ އަނބިމީހާއަށް ތަޢްރީފްގެ ބަހެއް ބުނެލާނަމެވެ. އެއީ ހަމަ ޖަވާހިރެއް ފަދަ އަންހެނެކެވެ. އެހައި ދަތިހާލުގައި އުޅެންޖެހުމުންވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އަދި ހިތްވަރުވެސްދެއެވެ.  

މިކިޔައިދިނީ އަޅުގަނޑު ދިރިއުޅެމުން އަންނަ ޙާލަތެވެ. މިހާލަތުގައި އުޅެނިކޮށް ކުންފުންޏަށް ކަމަކު އައި މީހަކު ދިއައީ އަޅުގަނޑުގެ މޭޒުމަތީގައި ބޮޑު ސިޓީއުރައެއް ބާއްވާފައެވެ. އެއީ އަޅުގަނޑު ދަންނަ މީހެއް ނޫނެވެ. އޭނާ އޮޅުންފިލުވަން ބޭނުންވި ކަންކަން އޮޅުންފިލުވައިގެން ދިއައިރު އެއީ ކާކުކަމެއް އަޅޅުގަނޑުގެ ގާތަކު ނުބުނެއެވެ. އަޅުގަނޑު ސުވާލެއްވެސް ނުކުރަމެވެ. ޢާންމު ކަންކަމުގައި މައުލޫމާތު ހޯދާ މީހުންގެ ވަނަވަރު އޮޅުންފިލުންވުމަކީ އަޅުގަނޑު ކުރާކަމަކަށް ނުވާތީއެވެ.  

ކޮންމެއަކަސް އޭނާ ދިއަތަނާ އެ ސިޓީއުރަ ފެނިގެން ނަގާފައި ބެލިއިރު އޭގައި އޮތީ 500 ރުފިޔާގެ 4 ބޮޑިއެވެ. ހިފައިގެން ނުކުމެ ހޯދަހޯދާވެސް އޭނާ ނުފެނުމުން އެނބުރި އައިސް އުރަ ރައްކައުކުރީއެވެ.  

ދެތިން ދުވަސްވީއިރުވެސް އޭނާ އެ ހޯދަން ނައުމުން އެއިގެން މިންވަރަށް ނަގައި ބޭނުންކުރަން ހިތަށް އެރިއެވެ. މުސާރަލިބުމުން އަނބުރައި އެއަށްލާ ގޮތަށެވެ. އެކަން ކުރަންވެސް އުޅެވުނެވެ. ސިޓީއުރަވެސް ތިޖޫރީން ނެގީމެވެ. އެވަގުތު ހިތަށްހީވީ ތީރެއް ހެރުނުހެންނެވެ. މޭހީވީ ފިތިގެންދިއަހެންނެވެ. ހިތަށް އެރިއެވެ. "މިކުރެވެނީ ހަމަ ވައްކަމެކެވެ. ﷲ ތައާލާ ބައްލަވައިވޮޑިގެންވެއެވެ. އެންމެ ގަނޑެއްވެސް ނުނަގާނަމެވެ."  

އެއިގެ 3 ދުވަސްވަރު ފަހުން ޢަޞްރު ނަމާދުގެ ޖަމާޢަތަކުން އޭނާ އާއި ބައްދަލުވިއެވެ. އޭނާގެ އެއްވެސް އެއްޗެއް ގެއްލިފައިވޭތޯ ސުވާލުކުރުމުން ހަނދާންހުރިކަމަކަށް ނުވިއެވެ. ދެން އޭނާ ގޮވައިގެން ދިއައީ އޮފީހަށެވެ. ގޮސް ސިޓީއުރަ ދައްކާފައި އެއީ އޭނާގެ އެއްޗެއް ކަމަށާއި އޭގައި ހުރީ ފައިސާކަމަށް ބުނީމެވެ. އަދި ހުންނާނެ ޢަދަދު ބުނުމުން ޙަވާލުކުރާނެކަމަށް ބުނުމުން އެނާ ދިއައީ ސިއްސައިގެންނެވެ. އަދި އޮންނާނީ 500 ރުފިޔާގެ 4 ބޮނޑި (ދެލައްކަ ރުފިޔާ) ކަމަށް ބުމުން ހަވާލުކުރީމެވެ. އެއިރު އޮފީހުގެ ގިނަ ބައަކު ކައިރީގައިވެސް ތިއްބެވެ.

އޭނާ އުރަ ހުޅުވާބަލައިލުމަށްފަހު އެތަނުން އެއް ބޮނޑި (ފަންސާސް ހާސް ރުފިޔާ) އަޅުގަނޑަށް ދިނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދި ކުރާ ކަންކަމުގައި ބަދަލަށް އެއްޗެއް ބޭނުންކުރުމެއް ނެތްކަމަށް ބުނުމުންވެސް އެނާ ދިއައީ އެ ބޮނޑި އަޅުގަނޑުގެ މޭޒުމަތީގައި ބާއްވާފައެވެ. އަދި އެއިގެ އިތުރުންވެސް އަޅުގަނޑަށް ލިބުނު ބޮޑު ދެފައިދާއެއްގެ ވާހަކަވެސް ހާމަކޮށްލާނަމެވެ.  

އޭނާގެ ކުންފުނިން ގޭގައި ހުރެގެން ކުރެވޭނެ މަސައްކަތެއް އަޅުގަނޑާއި ޙަވާލުކޮށް މުސާރައެއް ދޭން ފެށިއެވެ. އޮފީހުން އަޅުގަނޑަށް ޕްރަމޯޝަނެއް ލިބި މުސާރަވެސް ބޮޑުވިއެވެ. މިހާރު ލިބޭ އާމްދަނީން ޚަރަދުކޮށްފައި އިތުރުވެސް ކުރެވެއެވެ. މަހުގެ މެދުކަށި ގަންނާކަށް އަދި ކުނިވެފައި ހުންނަ ތަރުކާރީ ގަންނާކަށްވެސް ނުޖެހެއެވެ. އިން ޝާ ﷲ (ނަމަވެސް މިހާރުވެސް މެދުކަށި ނުގަނެ ިތްހަމައެއް ނުޖހެއެވެ.)  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަދި ޢާންމުކޮށް އެންމެންނަށްވެސް ބުނެލަން އޮތީ ތެދުވެރިވާށެވެ! އެއީ ވައްކަންކުރުމާ ޚިޔާނާތްތެރިވުމުން ލިބޭ ވަގުތީ ތަނަވަސްކަމަށްވުރެ، ލިބޭ މަދުފައިސާކޮޅަކަށްވުރެ މާފައިދާ ބޮޑުކަމެވެ. ވިސްނައިލި ކޮންމެ މީހަކަށް އަޅުގަނޑުގެ މިވާހަކަކޮޅުން ޢިބްރަތްތަކެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.  

- އަޒްލިފް / މިއަދުނޫހުގެ ކިޔުންތެރިއެއް  

އެކުވެރިޔާގެ ބަސް:  

ޢަބްދުއްލަޠީފް  

ޙަޤީޤަތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކުވެރިޔާއާއި އެކުގައި މަސައްކަތްކުރާތީއެވެ.  

އެހެންކަމުން އެކުވެރިޔާއަށް ލިބުނު ކުރިއެރުމުގެ އެކުވެރިޔާ ކިޔައިނުދީ އޮތްބައި އަޅުގަނޑޫ ކިޔައިދޭނަމެވެ. އެއީ ތެދެކެވެ. އެވާހަކައިގައިވާ ފަދައިން އެމީހާ އެކުވެރިޔާއަށް ބައިލައްކަ ރުފިޔާ ދިނެވެ.  ދެން ގޭގައި ކުރަން ޙަވާލުކުރީ އޭނާގެ އަމިއްލަ ކުންފުނީގެ އިންޓަރނަލް އޮޑިޓީންގ ގެ މަސައްކަތެވެ. މަހަކު 20000 ރުފިޔާ ލިބޭނެ ގޮތަށެވެ.  

ދެން ބަލައިލަންވީ އަޚާއަށް ލިބުނު ޕްރަމޯޝަނަށެވެ. ޕްރަމޯޝަންގެ ސަބަބުން މަހަކު 5000 ރުފިޔާ އިތުރަށް ލިބޭނެއެވެ. ވީމާ އިތުރަށް ލިބެން ފެށި 25000 ރުފިޔާއަކީ ކުރިން ލިބެމުން އައި މުސާރައަށްވުރެ ބޮޑު އަދަދެކެވެ. ޙަޤީޤަތަކީ އެކުވެރިޔާގެ ތެދެދުވެރިކަމުގެ ސަބަބުން އޭނާއަށް އެއިރު ލިބެމުން އައި އާމްދަނީ ދެގުނައަށްވުރެ އިތުރުވުމެވެ.  

ކިޔުންތެރިންނަށް އޮޅުންފިލލުވައިދިނުމުގެ ގޮތުން އަދިވެސް ތަފްޞީލް ދީފާނަމެވެ. އެކުވެރިޔާއަށް އެލަވަންސްތަކާއެކު ކުރިން ލިބެމުން އައީ މަހަކު 22000 ރުފިޔާއެވެ. ތެދުވެރިކަމުގެ މެޑެއްޔާއެކު އިތުރުވީ މަހަކު 25000 ރުފިޔާއެވެ. މަހަކު ލިބެމުން އައި 22000 ރުފިޔާގެ ބަދަލުގައި މަހަކު 57،000 ލިބެން ފެށީއެވެ.  

އަޅުގަނޑުމެންނަކީ ވަރަށް އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރަމުން އަންނަ ބައަކީމެވެ. ވަރަށް އެކުވެރި ޓީމަކީމެވެ. ޓީމުގެ ހުރިހާ މެންބަރުންގެ ތެރެއިންވެސް ނަމާދުކުރުމުގެ ބައިގައި އެންމެ އިސްކޮށް އަބަދުވެސް ހުންނާނީ އެކުވެރިޔާއެވެ. ވަގުތު ޖެހުމުގެ 10 މިނިޓްކުރިން އެކުވެރިޔާގެ ފޯނުން ބަންގިގިވާނެއެވެ. އެހިސާބުން އިތުރު އެއްވެސް މަސައްކަތެއް ނުކުރާނެއެވެ. ފާޚާނާއަށް ގޮސް ވުޟޫކޮށްލައިގެން ދާނީ ނަމާދުގެ ޖަމާޢަތަށެވެ.  

އަޅުގަނޑަކީ އެކުވެރިޔާ އާއި ގާތުގައި ނަމާދުކުރުމުގައި ހިފަހައްޓަން މަސައްކަތްކުރާ 3 އެކުވެރިންގެ ތެރެއިން އެކެކެވެ. ވީމާ އެކުވެރިޔާއަށްޓަކައި ހެޔޮދުޢާ ކުރަމުން މިވާހަކަކޮޅު މިހާމަކޮށްލީ އެކުވެރިޔާ ބުނެދީފައި އިން މިންވަރު ކުރުކަމުން އޮފީހުގެ ބައެއްކުދިންނަށްވެސް ކަމުގެ އަޞްލް ޙަޤީޤަތް ނުއެނގިގެން އުޅޭތީއެވެ. އެކުވެރިޔާއަށް އެ ލިބުނީ ހަމަ ވަރަށް ޙައްޤު މިންވަރެކެވެ. އެކުވެރިޔާއަށާއި އެކުވެރިޔާގެ ޢާއިލާއަށް ހެޔޮ ރަޙްމަތް އިތުރުކުރައްވަވާށި! އާމީން. 

 

- ތައްފީޤް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން