މީހަކަށް ކުރިމަތިވާނެ ދަތި ޙާލަތެއް ނުއެނގޭނެއެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ކުރިމަތިވެދާނެއެވެ. މިޘާލަކަށް ދަތުރުކުރި މީހެކެވެ. ލަގެޖް ގެއްލުނީއެވެ. އަތްދަބަހާއި ވޮލެޓްވެސް ގެއްލުނީއެވެ. ފޯނުވެސް ގެއްލުނީއެވެ. އެޙާލަތުގައި އޭނާއަށް ކުރިމަތިވާނެ ނިކަމެތިކަން ހިތަށް ގެނެސްބަލާށެވެ.
މޫސާގެފާނު މަދްޔަނަށް ވަޑައިގަތީ ހުސްއަތާއެވެ. އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތެވެ. މިރޭ މިބުނެދެނީ އެފަދަ ދަތިޙާލުކޮޅުގަ ހުންނަވައިގެން މޫސާގެފާނު ކުރެއްވެވި ދުޢާއެވެ. ދުޢާކުރެއްވެވުމުން ވަގުތުން ވަޒީފާއާއި އަންތބަކާއި ބޯހިޔާވަހިކަމާއި ރައްކާތެރިކަމާއި ރިޒްޤް ދެއްވެވި ދުޢާއެވެ. އަހަރެމެންނަށްވެސް މި 8 ކަލިމައިން ޙާޞިލް ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ! އިން ޝާ ﷲ
މޫސާގެފާނަށް ކުރެއްވެވުނުކަމަކުން މީހަކު މަރުވިހިނދު މިޞްރު ދޫކުރައްވަވައި މަދަޔަނަށް ވަޑައިގެންނެވިކަމާއި އެއިރު އެކަލޭގެފާނު ހުންނެވީ އެންމެ ނިކަމެތި ޙާލުކޮޅުގައިކަން އެބަ އެނގެއެވެ. އަޅައިލާނެ އެއްވެސް އެހީތެރިއަކު ނެތެވެ. ވަދެވަޑައިގަންނަވާނެ ގެކޮޅެއް ނެތެވެ. ފަރިއްކުޅުއްވަވާނެ އެއްވެސް އެއްޗެއް އަތްޕުޅަކު ނެތެވެ.
މިއަށްވުރެ ނިކަމެތި ޙާލެއް އެއްވެސް އިންށާނަކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ ކޮންމެއަކަސް ބައްދަލުވެވަޑައިގެންނެވި އަނހެންކުދިންނަށް ފެންފޯރުކޮށްދެއްވެވުމަށްފަހު ގަހެއްގެދޮށަށް ވަޑައިގެން އިންނަވައި ކުރެއްވެވީ މިދުޢާއެވެ. ޤުރްއާނުން މިއޮތީ އެދުޢާ ފެންނާށެވެ!
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰ إِلَى الظِّلِّ فَقَالَ رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ
"ފަހެ، އެކަލޭގެފާނު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެންދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ." (އަލްޤަޞަޞް: 24)
ދުޢާ:
رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ
" އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ."
އެމީހަކު އެދޭކަންތަކުގެ ވާހަކައިން ދަންނަވައި ދުޢާކުރެވިދާނެއެވެ. ނަމަވެސް މިދުޢާގައި މޫސާގެފާނު ވަކިކަމަކަށް އެދިވަޑައިގެންފައެއް ނުވެއެވެ. ވިދާޅުވެފައި އެވަނީ ﷲ ތަޢާލާ ދެއްވެވި ކޮންމެ ހެވަކަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އަބަދުވެސް ބުނާފަދައިން ދުޢާކުރާ މީހާގެ ޙާލަތާއި ބޭނުންވެގެން ހުރި ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
މިދުޢާ ވަގުތުން ޢިޖާބަކުރައްވަވައި ލެއްވެވި ރަޙްމަތްވެސް މިއޮތީ ޖެހިގެން އޮތް އާޔަތްތަކުން އެނގޭށެވެ.
" ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ."
" އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ"
" އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށްއަހަރު ވަންދެން ތިމަންނާއަށް خدمة ކޮށްދެއްވުމުގެ شرط ގެ މަތިންނެވެ. ފަހެ، ދިހައަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. اللَّه އިރާދަކުރެއްވިއްޔާ ތިމަންނާއީ صالح ންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ." (އަލްޤަޞަޞް: 25،26،27)
އެދިވަޑައިގެން ހުންނެވި މިންވަރަށްވުރެ އިތުރަށް ދެއްވެވީއެވެ. ޙިމާޔަތްދޭނެ ފަރާތަކާއި ޢާއިލާއަކާއި ދިރިއުޅުއްވަވާނެ ތަނަކާއި އަނބިކަނބަލަކުވެސް ދެއްވެވީއެވެ. ހަމައެކަނި އަނބިކަނބަލެއްވެސް ނޫނެވެ. ބޭނުންފުޅު ކަނބަލަކު އިޚްތިޔާރުކުރައްވަވަންވެސް ފުރުޞަތު ދެއްވެވީއެވެ.
މިދުޢާގައި ހިމެނިގެންވަނީ އެންމެ 8 ކަލިމައެވެ. އެހައިވެސް ކުރު ދުޢާއެކެވެ. ކޮންމެ ކަމަކަށް އެދިގެންވެސް، އަދި ކޮންމެ ފަދަ ޙާލަތެއްގައިވެސް އަހަރެމެންވެސް އިޚްލާޞްތެރިކަމާއިއެކު ހަމަ މިދުޢާކުރަންވީއެވެ. ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން