ބޮޑުތަކުރުފާނު މަގު ތާރުއެޅުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބޮޑުތަކުރުފާނު މަގު ތާރުއެޅުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށަނީ

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން، ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ މާލޭގެ އެންމެ ކުލަގަދަ އަދި ބާރުބޮޑު އެއް ސަރަޙައްދު ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި، ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތި ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ 87 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މަގުގެ ދެވަނަ ފިޔަވަހީގެ ސަބް-ބޭސްގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، އޭބީސީ ފަށަލައިގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ވަނީ ނިންމާލާފައެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މަސައްކަތް ނިންމައި، މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މިހާރު ކުރިއަށްދާ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަޙައްދެވެ.

އެމްޓީސީސީން ވިދާޅުވީ، މިހަފްތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މީގެ ކުރިން މަސައްކަތް ކުރިއަށްގެންދިޔަ ސަރަޙައްދުގައި 48 ގަޑިއިރުގެ ތެރޭގައި ތާރުއަޅާ ނިންމާލާފައިވާތީ، ބާޒާރުމަތި ހިމެނޭ މި ސަރަޙައްދުގެ މަސައްކަތްވެސް އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަޙައްދުގެ މަސައްކަތްތައް ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމާލުމެވެ. މިއީ ރަމަޟާން މަހަކީ ބާޒާރުމަތީގެ ބާރުބޮޑުވާ ދުވަސްވަރަކަށް ވާތީ، އާންމުންނަށާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

މިއަދު އޮންލައިން