ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިފްޒު ކްލާސްތަކުގައި މިހާރުވެސް 1800އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އެބަތިބި: ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިފްޒު ކްލާސްތަކުގައި މިހާރުވެސް 1800އާ ގާތްކުރާ އަދަދަކަށް ދަރިވަރުން އެބަތިބި: ވުޒާރާ

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިފްޒު ކްލާސްތަކުގައި މިހާރުވެސް 1800އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސައުދާން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނާ ގުޅިގެން ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ސްޓޭޓް މިނިސްޓަރ ސައުދާން ވިދާޅުވީ، ހިފްޒު ކްލާސްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާއިރު، މުރާޖަޢާ ކްލާސްތަކުގައި ތިބި ދަރިވަރުންގެ ތެރެއިން 8 ކުއްޖަކު މިހާރުވެސް ހިފްޒު ކޮމިޓީއަށް ޤުރުއާން ކިޔައިދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ޙާފިޒުން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ދައުރުގެ ތެރޭގައި ހިފްޒު ކޮމިޓީތަކުގެ އަދަދު އިތުރުކޮށްފައިވާކަން ސައުދާން ފާހަގަކުރެއްވިއެވެ. އެގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސީޓީގައިވެސް މިހާރު ވަނީ ހިފްޒު ކޮމިޓީއެއް އެކުލަވާލާފައެވެ.

މީގެއިތުރުން، މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް މި ޚިދުމަތް ފުޅާކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައިވެސް ހިފްޒު ކޮމިޓީތައް އެކުލަވާލައި، ދަރިވަރުންނަށް ފަސޭހަކަމާއެކު އިމްތިޙާން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. "ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ކޮންމެ ރަށެއްގައި ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މިއިން ކޮންމެ ސެންޓަރެއްގައިވެސް ހިފްޒުގެ ބައި ހިމެނޭނެ. އެކި ލެވެލްގެ ކްލާސްތައްވެސް ހިންގާނެ،" ސައުދާން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި ތިބެގެން ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެ، ރާއްޖޭގައި ޙާފިޒުންގެ އާބާދީ އިތުރުވެގެންދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އުންމީދުކުރެއެވެ.

މިއަދު އޮންލައިން