ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރީ-ރެޖިސްޓްރީވާން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރީ-ރެޖިސްޓްރީވާން ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރެޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި މުއްދަތުގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓްތަކާއި، ސިނާއީ ތަންތަން އަދި ޖަލުތަކުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން މިހާރު ރަޖިސްޓްރީވެފައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށުގައެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާނަމަ، އަލުން ރީ-ރެޖިސްޓްރީ ކުރަން ޖެހޭނެއެވެ.

ރީ-ރެޖިސްޓްރީވުމަށް އެދި ފޯމު ހުށަހެޅޭނީ އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށެވެ. އެގޮތުން my.elections.gov.mv އަދި form.elections.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، "މައި-ޕޯޓަލް މެދުވެރިކޮށް ނަމަ ޖެހޭނީ ވެރިފައިޑް އީފާސް އެކައުންޓަކުން ލޮގިން ވާން. ފޯމްސްޑޮޓްއިލެކްޝަންސް އިން ނަމަ އައިޑީ ކާޑްގެ ދެފުށުގެ ކޮޕީއާއި ފޮޓޯއެއް ހުށައަޅަން ޖެހޭނެ." ހުށަހަޅާ މަޢުލޫމާތުތައް ވެރިފައިކުރުމަށްފަހު، ރީ-ރެޖިސްޓްރީވިކަން ނުވަތަ އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި މައި-ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މިއަދު އޮންލައިން