ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ފެއްޓެވި ދިވެހި ވަތަނީ ހިދުމަތަށް ގާނޫނީ ބާރު ދިނުމަށްޓަކައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ފަރުޙަތު މުޙައްމަދެވެ.
މި ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެމްބަރު ފާހަގަކުރައްވާފައިވަނީ، ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކާއި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ޚިދުމަތްކުރަން އެދޭ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ޒުވާނުން ބާރުވެރިކުރުވައި، ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމަކީވެސް މި ބިލުގެ މުހިންމު މަގުސަދެކެވެ.
މި ބިލުގެ ދަށުން ތަޢާރުފުކުރެވޭ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ފަރުމާކޮށްގެން ހިންގާނެ ޕްރޮގްރާމެކެވެ. މީގެ ބޭނުމަކީ މަސައްކަތުގެ ދާއިރާތަކުގައި ޚިދުމަތްކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ޤާބިލުކަން އަށަގެންނެވުމެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕްރޮގްރާމުގެ މައިގަނޑު އަސާސްތައް ކަނޑައަޅައި، ބައިވެރިވުމުގެ އުސޫލުތަކާއި، ލިބިދެވޭ ތަޢުލީމާއި ތަމްރީނުގެ އިތުރުން ތަޖުރިބާ ފޯރުކޮށްދޭނެ ގޮތްތައް މި ގާނޫނުގެ ދަށުން ބަޔާންކުރެވޭނެއެވެ. މީގެއިތުރުން، ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބިގެންދާނޭ ފުރުޞަތުތަކާއި، ޕްރޮގްރާމް ހިންގައި ތަންފީޛުކުރުމުގެ ހަމަތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.